ޚަބަރު

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %18.5 އިތުރުވެއްޖެ


މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މާރޗް މަހާއި އަޅާބަލާއިރު 18.5 އިންސައްތަ އިތުރުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 3 މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދުވެސް އޭގެކުރީ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ވަނީ 17 އިންސައްތަ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މާރޗް މަހުގެ ތެރޭގައި ރާއްޖެއަށް 133،466 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. 2017 ވަނަ އަހަރުގެ މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކުރީ 112،665 ފަތުރުވެރިންނެވެ.

މިދިޔަ މަހުގެ ތެރޭގައި ޖުމްލަކޮށް ހުރިހާ ސަރަހައްދަކުންވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފައެވެ. ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 33 އިންސައްތަ އިތުރުވެފައިވާއިރު، އެފްރިކާ ސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 11.4 އިންސައްތަ އިތުރުވެފައެވެ. މީގެއިތުރުން އެމެރިކާ ސަރަހައްދުން ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް 24 އިންސައްތައަށް މައްޗަށް ޖެހިލާފައިވާއިރު އެހެނިހެން ސަރަހައްދުތަކުން މި އަދަދުވަނީ 10.5 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް މިމުއްދަތުގެ ތެރޭގައި އޭޝިޔާ އަދި ޕެސިފިކް ސަރަހައްދާއި މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ޖެހިލާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް އެއްލައްކަ 33 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެތެރެއިން 47.7 އިންސައްތައަކީ ފިރެހެނުންނެވެ. އަދި 52.3 އިންސައްތައަކީ އަންހެނުންނެވެ.
2018 ވަނަ އަހަރު ރާއްޖޭގެ އޮކިއުޕަންސީ ރޭޓް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 4.8 އިންސައްތަ ކުރިއަރާފައެވެ.