ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރި އެއްބަސްވުން އުވާލުމުމުގެ ސަބަބުން ދިވެހި ދައުލަތުން ޖީއެމްއާރަށް ދައްކަންޖެހުނު ފައިސާގެ އިތުރަށް، އިތުރު 15 މިލިއަން ޑޮލަރު ހޯދަން އެކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައެއް އެ ކުންފުންޏާ ދެކޮޅަށް ނިންމައި މިމައްސަލާގައި ދިވެހި ދައުލަތާދެކޮޅަށް ދެން އެއްވެސް ދަޢުވާއެއް ނުކުރެވޭނެކަމަށް އާބިޓްރެޝަނުން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އިތުރު 15 މިލިއަން ޑޮލަރު ދިވެހި ދައުލަތުގެ ފަރާތުން ހޯދުމަށް ޖީއެމްއާރުން އެންމެފަހުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ އެކުންފުންޏާ ދެކޮޅަށް ނިންމާފައިވާއިރު، އުވާލާފައިވާ އެއްބަސްވުމުގެ ދަށުން މިމައްސަލާގައި ދެން އިތުރަށް ދަޢުވާ ނުކުރެވޭނެކަމަށްވެސް އާބިޓްރޭޝަނުންވަނީ ނިންމާފައެވެ.
އުފެދުމުގައިވެސް ބާޠިލް، އަދި ދިވެހި ދައުލަތަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ނުރައްކާވާގޮތަށް ނަޝީދުގެ ވެރިކަމުގައި 25 އަހަރުދުވަހަށް ޖީއެމްއާރާއެކު ހެދި އެއްބަސްވުން އުވާލީ ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާދެއްވުމާއެކު ދެން އައި ސަރުކާރުންނެވެ. އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލުގައިކަމަށްބުނެ ޖީއެމްއާރުން އާބިޓްރެޝަނަށް ހުށަހެޅި މައްސަލަނިމި 271 މިލިއަން އެމެރިކާޑޮލަރު ދިވެހިދައުލަތުން ޖީއެމްއާރަށް ދައްކަންޖެހުނެވެ. މިފައިސާ ދައްކަންޖެހުނީ، ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށްވުމުން މިސަރުކާރުންވަނީ މިފައިސާ އެއްފަހަރާ ދައްކައި ޚާސްކޮށްފައެވެ. އަދި އޭގެފަހުން ރައީސް ޔާމީނުގެ ސަރުކާރުން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ބިޔަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
އެހެންނަމަވެސް އޭގެފަހުންވެސް ޖީއެމްއާރުން ދިޔައީ އިންޑިއާއާއި އެހެން ޤައުމުތަކުގެ މީޑިއާގައި ރާއްޖެއަށް އިންޒާރުދޭމޭރުމަކުން ވާހަކަދައްކައި، އިތުރު ފައިސާހޯދަން ޑިމާންޑްކުރަމުންނެވެ. އޭގެފަހުން އިތުރު 15 މިލިއަން ޑޮލަރު ހޯދަން އެކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅީ 2017 ވަނަ އަހަރުއެވެ. މި 15 މިލިއަން ޑޮލަރަކީ މިހާރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގާ އެމްއޭސީއެލްގެ އެކިކަންކަމަށް އޭރު ޖީއެމްއާރުން ކުރިކަމަށްބުނާ ޚަރަދުތަކުގެ ބަދަލުގައި ހޯދަން ހުށައެޅި ޢަދަދެކަމަށް ޖީއެމްއާރުވަނީ ހާމަކޮށްފައެވެ.
މިފައިސާ ރާއްޖެއިން ދައްކަން ނުޖެހޭކަމަށާ އަދި މިމައްސަލާގައި އިތުރު ދަޢުވާއެއް ދެން ނުކުރެވޭނެކަމަށް ސިންގަޕޫރުގެ އާބިޓްރެޝަނުން ނިންމުމާއެކު، މިހާރު މިވަނީ ޖީއެމްއާރުގެ މައްސަލަ މުޅިން ނިމިފައެވެ.