ޚަބަރު

"ނެޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ"ގެ ބޯޑާއި އެޑްވައިޒަރީ ކޮމެޓީ އެކުލަވާލައިފި


ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމާއި، އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމާއި، އަދި ފައިދާ މަތިކުރުމުގެ މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ނެޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑުގެ ބޯޑާއި އެޑްވައިޒަރީ ކޮމިޓީ އެކުލަވާލައިފިއެވެ.

ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ޗެއަމަނަކަށް އައްޔަންކޮށްފައިވަނީ ގ.ކާނިހިޔާ މުޙައްމަދު ޖަލީލެވެ. މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ މ.ޝުހުރާ ޢަބްދުﷲ ފަޒީލްއެވެ. އަދި ދެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ ހ.އޯސިސް ވިއު ރުޝާހާ އަޙްމަދު ޝަރީފް އާއި ގ.ބުލްބުލާ ވިލާ އާމިނަތު ނަދާ ޙުސައިންއެވެ.

ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑުގެ އެޑުވައިޒަރީ ކޮމެޓީއަށް އައްޔަންކުރައްވާފައިވާ މެންބަރުންނަކީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙައްމަދު ޝައިނީއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ރިލޭޝަން މުޙައްމަދު ލުވައިޒްއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤަރާރަކުން އުފައްދާފައިވާ "ނެޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ"އަކީ ރާއްޖެއާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބޮޑެތި ބަދަލުތައް ދެނެގަނެ އޭގެ ސަބަބުން މިހާރު ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ކުރާނެ އަސަރުތައް ދެނެގަތުމާއި، ކުރިއަށް ކުރަންހުރި އިންވެސްޓްމަންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.

މި ކުންފުނީގެ މަޤްޞަތުތަކުގެ ތެރޭގައި އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމާއި، އިންވެސްޓްމަންޓްތަކުގެ ފައިދާ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖެއަށް އިސްލާމިކް ފައިނޭންސާއި، ކޮންވެންްޝަނަލް ފައިނޭންސިންގެ އިތުރު ފައިނޭންޝިއަލް ޕްރޮޑަކްޓްތަކެއް ތަޢާރަފްކުރުމަށް ހިތްވަރުދިނުންވެސް ހިމެނެއެވެ.

"ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ" އަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާވާ ކުންފުންޏެކެވެ. މި ކުންފުނީގެ ރައުސުލްމާލަކީ، ދިހަ ރުފިޔާގެ ފައްސަތޭކަހާސް ޙިއްޞާގެ މައްޗަށް ބަހާލެވިފައިވާ ފަސްމިލިއަން ރުފިޔާއެވެ.