ޚަބަރު

ދިވެހި ބަހާ ސަޤާފަތް ދިރުވާ އާލާކުރުމަށް މިއަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ - ޖެންޑަރ މިނިސްޓަރ


ދިވެހި ބަހާއި ސަޤާފަތް ދިރުވާ އާލާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ތުއްތު ކުދިންގެ ވާހަކަދެއްކުމުގެ މަހާސަމާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އަކަޑަމީއިން ބާއްވާ ތުއްތު ކުދިންގެ ވާހަކަދެއްކުމުގެ މަހާސަމާ 2018 އަކީ އެއް ދުވަހަށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިއީ ކުދިންގެ ހިތްތަކުގައި ދިވަހި ބަހަށް ލޯބި އުފެއްދުމާ، ބަސްކޮށާރު މުއްސަނދިކޮށް، ކުދިންގެ ކިބައިގައި ބަހުގެ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވޭ ފުރަތަމަ މަހާސަމާއެކެވެ. މިމަހާސަމާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އެފް ޖެންޑަރ އެންޑް ފެމިލީ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމެއްކަމަށެވެ.

"މިކަމަށް ޚާއްސަކޮށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން މިކަމަށް މަސައްކަތްކޮށް، ޚާއްސަގޮތެއްގައި ދިވެހި ބަހަށް ދަރިވަރުންގެ ލޯބި އުފެއްދުމަށް އަދި ޝައުޤުވެރިކަން އިތުރުކުރުމަށް އެކަޑަމީން ކުރަމުންދާ މަސައްކަތައް ފާހަގަކޮށް، އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުގެ އިލްތިމާސްއަކީ ބެލެނިވެރިންވެސް މިމަސައްކަތަތުގައި ބައިވެރިވެ ގޭތެރޭގެ މާހައުލުގަ ކުދިންނާ ދިވެހި ބަހުން ވާހަކަދެއްކުމުގެ އާދަ އަދި އެކަމަށް ކުދިންގެ ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތްކޮށްދިނުން." މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީ ވިދާޅުވީ މިއީ ދިވެހި ބަހުގެ މުސްތަޤުބަލަށްޓަކާ އަލަށް އެޅޭ ވަރަށް މުހިންމު ބިންގަލެއްކަމަށެވެ. އަޝްރަފުގެ ވާހަކައިގައިވަނީ ތުއްތުކުދިންގެ މެދުގައި ދިވެހި ބަހުން ވާހަކަދެއްކުން މަދުވެފައިވާކަމަށާއި، މިކަން ރަގަނޅުކުރުމުގެ އެންމެ އިސްރޯލެއް އަދާކުރެވޭނީ ބެލެނިވެރިންނަށްކަން ފާހަގަކޮށްފައެވެ.

މިމަހާސަމާގައި ރާއްޖޭގެ 8 ސްކޫލަކުން ސަޅީސް ދަރިވަރުން ބައިވެރިވެފައިވެއެވެ. މިމަހާސަމާގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ދިވެހި ބަހުގެ އެކަޑަމީގެ ވާހަކަދެއްކުމުގެ މުބާރާތްތަކުން ވަނަ ހޯދާފައިވާ ދެބައިވެރިންކަމަށްވާ އައިޝަތު މިހުނާ ނާސިޙް އާއި ރިއާޔަތު ޢަބްދުލް މަޖީދުއެވެ.

އެއްދުވަހުގެ މިމަހާސަމާގައި ބައިވެރިވިކުދިންގެ ތެރެއިން އެންމެ މޮޅަށް ވާހަކަދައްކާފައިވާ ކުދިން ހޮވުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ބައިވެރިންނަށްވެސް ބިއިވެރިވިކަމުގެ ސަނަދު ދިނުމަށް ހަމަޖެހިފައިވެއެވެ.