ވިޔަފާރި

އެމް.ޓީ.ސީ.ސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 26ގައި


މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މިިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 26 ވަނަ ދުވަހު ބާއްވަން އެކުންފުނިން ނިންމައިފިއެވެ.

އެމް.ޓީ.ސީ.ސީން ބުނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ޙިއްޞާދާރުން މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރަންޖެހޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާފަިވާ އަދާދާއި މެދު ގޮތެއް ނިންމުން އޮންނާނެއެވެ. އަދި ކުންފުނީގެ އަސާސީ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުންވެސް އޮންނާނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރ އައްޔަނުކުރުންވެސް އޮންނާނެއެވެ.

ކުންފުނީންގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 2017 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ޙިއްޞާއަކަށް 2 ރުފިޔާ 60 ލާރި ބެހުމަށެވެ. އަދި 2017 ވަނަ އަހަރުގެ ފައިދާ ލިބޭނީ 18 އޭޕްރިލް 2018 ގެ ނިޔަލަށް އެމް.ޓީ.ސީ.ސީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމަށްވެސް އެކުންފުނިން ބުނެއެވެ.