ކުޅިވަރު

ސައްޓުގެ ދެ ގޯލުން މޮޅުވެ، ޓީސީވެސް މާޒިޔާއާ އެއް ހަމައަކަށް!


އިޝާން އިބްރާހިމް، ސައްޓު ކާމިޔާބުކޮށްދިން ދެ ލަނޑުން މާޒިޔާގެ މައްޗަށް ޓީސީ ކުރި ހޯދައިފިއެވެ.

އެސް.ޓީ.އޯ މާލޭ ލީގުގެ އެއް ވަނަ އާއި ހަތަރު ވަނަ ވާދަކުރި މެޗު ޓީސީ ކާމިޔާބުކުރީ 2-0 ނެވެ. މެޗުގެ ފުރަތަމަ ލަނޑު ސައްޓު ކާމިޔާބުކޮށްދިނީ މެޗުގައި މިނެޓެއްގެ ކުޅުންވެސް ނުހިނގަނީހެވެ.
ޓީސީން ލަނޑު ޖެހުމާއެކު ބޮޑަށް ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ މާޒިޔާއިންނެވެ. އެހެންނަމަވެސް މާޒިޔާއަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކުރެވޭގޮތެއްނުވިއެވެ. އަދި ފުރަތަމަ ހާފް ނިމިގެންދިޔައީ އެކެއް ސުމަކުން ޓީސީ ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފް ފަށައިގެން ޓީސީގެ ކުޅުން ރަނގަޅު ކުރިނަމަވެސް ދެވަނަ ހާފް ފަށައިގެންވެސް ބޮޑަށް ބޯޅަ ޑޮމިނޭޓްކުރީ މާޒިޔާއިންނެވެ. ޓީސީގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ ފުރަތަމަ ދިހަ މިނިޓުގެ ތެރޭގައި އިޝާން އިބްރާހިމް ކާމިޔާބުކުރީ ކައުންޓަރ އެޓޭކެއްގައެވެ.

މިމެޗުގައި ޓީސީއަށް ވަނީ ލީޑް ފުޅާކުރުމަށްވެސް ވަރަށް ހުސް ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން އިބްރާހިމް ވަހީދު ހުސްކޮށް އޭރިއާތެރެއަށް ވަދެ ކުރިއަށް ފޮނުވާލި ބޯޅަ ދިފާއު ކުރީ މާޒިޔާގެ އިޓަލީ ކީޕަރު މައުރޯއެވެ. ދެވަނަ ހާފްގައި ސައްޓުގެ ބަދަލުގައި ކުޅެން ނިކުތް ބިދޭސީ ފޯވާޑް ޑިއޯ ވިލިއަމްސްއަށްވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ވިލިއަމްސް އޭރިޔާ ތެރެއަށް ވަދެ ދެ ޑިފެންޑަރުންނާއި ކީޕަރުވެސް ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅައަށް ހުރަސްއެޅީ މާޒިޔާ ޑިފެންޑަރު ޔާމިން އިބްރާހިމްއެވެ.

މެޗަށްފަހު ޓީސީ ސްޕޯރޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ބޭނުންވީ ތިން ޕޮއިންޓް ހޯދަންކަމަށާއި، އެކަން ހާސިލް ވުމުން ހިތްހަމަޖެހޭކަމަށެވެ. އަދި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި، މެޗުން މޮޅުވުމަށް ކުޅުންތެރިން ބޭނުންވެފައިވާ މިންވަރު ފެނުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށްވެސް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުންޏެވެ.

"މެޗަށް ނިކުތީ ސީދާ ތިން ޕޮއިންޓަށް. އެކަން ވަރަށް ރަނގަޅަށް ހާސިލްވެއްޖެ. މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖެހުމުން ވަރަށް ހިތްހަމަޖެނު. މެޗުގައި ޓީސީއަށް ލީޑް އިތުރަށް ފުޅާ ކުރުމަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ. އެންމެ ބޮޑަށް ހިތްހަމަޖެހުނީ ކުޅުންތެރިންގެ ފަރާތުން މިއަދު ފެނުނު ކުޅުން ރަނގަޅު ވުމުން." ނިޒާމް ބުންޏެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު އިސްމާޢީލް މަހުފޫޒް (އިންމަ) ބުނީ މިއަދުގެ މެޗުން ގެއްލުނީ ވަރަށް މުހިންމު ތިން ޕޮއިންޓްކަމަށާއި، ލީގުގައި ކުރިއަށްދާން ބޭނުންނަމަ، ވާދަވަރި ޓީމްތަކުގެ އަތުން ޕޮއިންޓް ނެގުން މުހިންމުކަމަށެވެ. އަދި މިއަދުގެ މެޗުން ބަލިވުމުގައި ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނިގެންދިޔަކަމަށާއި، އެފަދަ މިސްޓޭކްތައް ރަނގަޅު ކުރަންޖެހޭކަމަށް އިންމަ ބުންޏެވެ.

"މެޗުން ބަލިވީ އަސްލު ޓީމްގެ ޑިފެންސްލައިނަށް ހެދުނު މިސްޓޭކްތަކުން. މެޗުގެ ކުރީ ކޮޅު ޓީސީން ލަނޑެއް ޖެހުމުން، ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް މާޒިޔާއަށް ކުރިމަތިވި. ޓީސީން ޖެހި ދެ ލަނޑުގައިވެސް މާޒިޔާގެ ޑިފެންސްލައިންގެ މިސްޓޭކް ވަރަށް ބޮޑަށް އެބަހުރި. މިފަދަ މިސްޓޭކްތައް އެބަޖެހޭ ވަރަށް ބޮޑަށް ރަނގަޅު ކުރަން. ކުރިއަށް ހުރި މެޗުތަކުގައި އެކަންތައްތައް ރަނގަޅު ކުރަން ވަރަށް ބޮޑަށް ސަމާލުކަން ދޭނަން." އިންމަ ބުންޏެވެ.

މިނަތީޖާއާއެކު ޓީސީ ވަނީ ލީގުގެ އެއްވަނާގައި އޮތް މާޒިޔާ އާއި ޕޮއިންޓުގެ ގޮތުން އަރާ ހަމަކޮށްފައެވެ. މާޒިޔާއަށާއި ޓީ.ސީއަށްވެސް މިހާރު ލިބިފައިވަނީ 10 ޕޮއިންޓެވެ. މިދެޓީމަށްވުރެ ދެ މެޗު މަދުން ކުޅެފައިވާ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބަށްވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ.