ޚަބަރު

47 ފްލެޓެއް ވިއްކާލަން ހުޅުވާލިތާ 5 ދުވަހުގެ ތެރޭގައި ހުރިހާ ފްލެޓެއް ވިކިއްޖެ!


ޓާޓާ ކުންފުނިން މާލޭގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ދެވަނަ ފަހަރަށް ވިއްކާލަން އިޢުލާންކުރި 47 ފްލެޓް ވިކިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.

ކުރީގެ ޢަރަބިއްޔާ ސްކޫލްހުރި ބިމާއި، ގާކޮށީގައި އިންޑިއާގެ ޓާޓާ ކުންފުނިން ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހެވެ. އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 161 ފްލެޓެއް ވިއްކާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ފްލެޓްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ވިއްކުމުގެ މަރުޙަލާ ފުރިހަމަ ނުކުރެވިފައިވާ 47 ފްލެޓް ވިއްކާލުމަށް ހުޅުވާލާފައިވަނީ ފުރަތަމަ ބުރެކޭވެސް އެއްގޮތަށް އެކަމަށް ޚާއްސަކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. މިއިން ކޮންމެ ފްލެޓެއްވެސް ވިއްކާލަން އެޗް.ޑީ.ސީން ހުށައަޅާފައިވާ އަގަކީ 2 މިލިއަން ރުފިޔާއެވެ. އަދި ކޮންމެ ފަރާތަކަށްވެސް ގަންނަން އެދި ހުށަހެޅޭނީ އެންމެ ފްލެޓެކެވެ.

އެޗް.ޑީ.ސީން ވިއްކާލުމަށް ހުޅުވާލި 47 ފްލެޓްގެ ތެރޭގައި ހިމެނެނީ ކުރީގެ އަރަބިއްޔާ ސްކޫލް ހުރި އިމާރާތުގެ 10 ފްލެޓަކާއި، ގާކޮށިން 37 ފްލެޓެކެވެ. މިއިން ކޮންމެ ފްލެޓަކީވެސް 3 ކޮޓަރި، 2 ފާޚާނާ، ސިޓިން ރޫމް، ބަދިގެ އަދި ޑައިނިންގ އޭރިއާ ހިމެނޭހެން ތަރައްޤީކޮށްފައިވާ ފްލެޓްތަކެކެވެ.

މިހުރިހާ ފްލެޓެއްވެސް މިހާރު ވިކިފައިވާއިރު، ފްލެޓް ގަތުމަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ޞައްހަ ލިޔެކިޔުންތައް ހުށައެޅި ފަރާތްތަކާ ގުޅިގެން ފްލެޓް ވިއްކުމުގެ އެންމެހާ މަރުޙަލާތަކެއް ކުރިއަށްގެންދާނެކަމަށް އެޗް.ޑީ.ސީން ވަނީ ހާމަކޮށްފައެވެ.