ޚަބަރު

އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒުކުރަން އަރީފް ހުނެނެވީ ދުރާލައި ތައްޔާރުވެގެން - ޕޮލިސް


ފެބްރުއަރީ އެކެއްގެ އަމުރު ތަންފީޒުކުރުމަށް ދުރާލާ ރާވައިގެން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި އޭރު ހުންނެވި އަޙްމަދު އަރީފު ތައްޔާރުވިކަން ތަޙްޤީގަށް ހާމަވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކުރީ، ދިވެހިރާއްޖޭގައި އުފެދިފައި އޮތް ޤާނޫނީ ވެރިކަން ޤާނޫނާ ޚިލާފަށް ވައްޓާލުމައްޓަކައި 2015 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން އަމުރެއް ނެރުމާއި ހަމައަށް ވަކި ބަޔަކު ރާވައިގެން ހިންގި ކަންކަން ތަހްޤީގުކުރުމަށްފަހު އެކަން ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާނު ވިދާޅުވީ، ފެބްރުއަރީ އެއްވަނަދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި އޭރު ހުންނެވި އަޙްމަދު އަރީފް ދުރާލާ ރާވާއިގެން ފުލުހުންގެ މުއައްސަސާގެ ތެރެއިން ތައްޔާރީތަކެއް ކުރެއްވިކަން ތަޙްޤީގުތަކަށް ހާމަވެފައިވާކަމަށެވެ. އެގޮތުން އާންމު އުސޫލެއްގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަންކަމަށް ގެނެވެން އޮންނަ ބަދަލުތަކާއި ޚިލާފަށް އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފުލުހުންގެ ބައެއް އޮފިސަރުންނާއި އަރީފު ހަވާލުކުރިކަން ހާމަވެފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.

"
"ފުލުހުންގެ އިދާރީ އޮނިގަނޑަށް އަޙްމަދު އަރީފް ބޮޑެތި ބަދަލުތަކެއް ގެނައިކަން ފާހަގަކޮށްލަން. އަދި ހަމައެއާއެކު، މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޢާންމު އުސޫލުތަކުގެ ތެރެއިން ގެނެވޭ ބަދަލުތަކާއި ޚިލާފަށް ގެނެވިފައިވާ ބަދަލެއްކަންވެސް ފާހަގަކޮށްލަން."
އަޙްމަދު ޝިފާން

ޓެރަރިޒަމްގެ މައްސަލަތައްވެސް ހިމެނޭ ގޮތަށް ބޮޑެތި މައްސަލަތަކުގައި ޖަލު ޙުކުމް އިއްވާފައިވާ 9 ގައިދީއަކު ދޫކުރުމަށް މިދިޔަ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ފުލުހުންގެ އިދާރާގެ ތެރެއިން އަރީފު މަސައްކަތްކުރިކަން ހާމަވެފައިވާއިރު، ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަޙްމަދު އަރީފް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަރީފުގެ އިތުރުން އިތުރު ފުލުހުންތަކެއްވެސް ހައްޔަރުކޮށް މައްސަލަ ތަޙްޤީގުކރަމުންދާއިރު، ބައެއް އޮފިސަރުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.