ޚަބަރު

"އިންޓަރނޭޝަނަލް މޯޑަރޭޝަން ފޯރަމްގެ އެވޯޑްލިބުމަކީ ޓޭރަރިޒަމް ހުއްޓުވުމަށް ލިބުނު އިތުރުހިތްވަރެއް"


އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމުންގެ ފަރާތުން އެމަނިކުފާނަށް އެރުއްވި އެވޯޑަކީ، ޓެރަރިޒަމާއި ހައްދުފަހަނައަޅާދިއުން ހުއްޓުވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ އެންމެ ޝަރަފްވެރި އެވޯޑު އެމަނިކުފާނަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅާދިއުމާއި އިސްލާމް ދީނުގެ މެދުމިނުގެ ފިކުރު ފުޅާކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ އެންމެ ޝަރަފްވެރި އެވޯޑް އެރުވުމަށް ބޭއްވި ރައްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރުތަކުގެ މީހުން މަދުކުރުމަށާއި، ޓެރެރިޒަމްގެ ޢަމަލުތަކަށް ފުރުޞަތު ހަނިކުރުމަށް ދިވެހިރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށެވެ.

މިގޮތުން، ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނެއް ތަޢާރަފުކުރުން އެއީ މިރޮނގުން ޙާޞިލު ކުރެއްވުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމުން އެމަނިކުފާނަށް އެރުވި އެވޯޑަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުން ހުއްޓުވުމަށް ކުރައްވަމުންގެންދާ މަސައްކަތަށް ލިބުނު ހިތްވަރެއްކަމަށެވެ. އެ ޖަމްޢިއްޔާގެ ފަނަރަ އަހަރުވީ ތާރީޚުގައި މި އެވޯޑް ލިބިވަޑައިގަންނަވާ ތިންވަނަ ބޭފުޅަކަށް އެމަނިކު ވެވަޑައިގަތުން އެއީ ލިބިވަޑައިގެންނެވި ފަޚުރެއްކަމުގައި ވިދާޅުވިއެވެ.

"
"ރާއްޖެއިން ވަނީ ޓެރަރިޒަމާ ގުޅުންހުރި ކަންކަން ނައްތާކުމަށް ފާހަގަކޮށްލެވޭ ގިނަ ފިޔަވަޅުތަކެއް އަޅައި ކާމިޔާބީތަކެއް ޙާޞިލުކޮށްފައި. އެގޮތުން 2016 ވަނަ އަހަރު ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް ޤާއިމްކޮށް، ހައްދުފަހަނައަޅާ ދިއުމާއި، ޓެރަރިޒަމް ނައްތާލުމާ ބެހޭ ޤާނޫނު ހަމަ އެއަހަރު އެކުލަވާލުމަކީ މި ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކެއް"
ރައީސް ޔާމީން

މުސްލިމް އުންމަތަށް ދިމާވާ ނުރައްކާތަކާ ކުރިމަތިލުމަށް ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ވާންޖެހޭ ސަބަބުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައިޖެހިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ އެންމެހާ މުސްލިމުންގެ ޒިންމާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ބޭރާއި އެތެރޭން މުސްލިމު މުޖުތަމަޢުތަކަށް ކުރިމަތިކުރުވާ ފިއްތުންތަކާއި އިސްލާމީ އުއްމަތުގެ ނަން ހުތުރުވާ ގޮތަށް އިސްލާމްދީން އުނގަންނައިދިނުމާއި މުސްލިމުންނަކީ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ ބައެއްގެ ގޮތުގައި ސިފަކުރަމުންގެންދާ މައްސަލަ ފަދަ އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ މުހިންމު ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ރަސްމިއްޔާތުގައި އިންޓަރނޭޝަނަލް މޯޑަރޭޝަން ފޯރަމްގެ އިސްވެރިންނާއި، ދީނީ ޢިލްމުވެރިންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެވެ.