ޚަބަރު

އޮލިމްޕަސް ހިންގުން ޕީއެސްއެމުން ހަވާލުވުމާއެކު ފިލްމީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ އުއްމީދު އާވެއްޖެ - ފަންނާނުން


އޮލިމްޕަސް ހިންގުން ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމުން ހަވާލުވުމާއި ގުޅިގެން ފިލްމީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ އުއްމީދުތައް ވަރަށް ބޮޑަށް އާވެގެން ހިނގައްޖެކަމަށް ފިލްމީ ދައިރާގައި މަސައްކަތްކުރާ ފަންނާނުން ބުނެފިއެވެ. ޓީވީ ބިލްޑިންގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރާއި އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ފިލްމީދާއިރާގައި މަސައްކަތްކުރާ ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި އެކްޓަރުންވަނީ އޮލިމްޕަހާ ޕީއެސްއެމް ހަވާލުވެ ހިންގުމަށް ކަޑައަޅާފައިވާ ޕްލޭނާމެދު ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ.

ފަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްއިން އޮލިމްޕަހާ ހަވާލުވެ، އެތަން ތަރައްޤީކޮށް ތަނުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ގިނަ ޕްލޭންތަކެއް ދަނީ އެކުލަވާލަމުންނެވެ. އެގޮތުން އޮލިމްޕަހަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅުންހުރި ތަނަކަށްވާތީ، މިތަން ތަރައްޤީކޮށް ފިލްމީ ދާއިރާ ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތާއިބެހޭ ގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޙަލީލް އާއި ސީނިއަރ މެނޭޖުމަންޓުން ވަނީ ފަންނާނުންނާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި ބޭއްވި މިބައްދަލުވުމާއިބެހޭ ގޮތުން ޕީއެސްއެމްގެ ޑިރެކްޓަރ މާރކެޓިންގ އެންޑް އީ-ކޮމާސް އިބްރާހިމް ނަޞްރީން ވިދާޅުވީ ފިލްމީ ދާއިރާގެ ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި އަދި ތަރިންނާއެކު ބޭއްވި މަޝްވަރާތަކުގައި އޮލިމްޕަސް ހިންގުމުގައި ރާއްޖޭގެ ފިލްމީދާއިރާއަށް އެންމެފައިދާވާނެ ގޮތްތަކާއިބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށެވެ. އަދި މިމަޝްވަރާތަކުން ފަންނާނުން ބޭނުންވާ ކަންތައްތަކާއި އޮލިމްޕަހުގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ޕީއެސްއެމްއިން ގެންގުޅޭ ސިޔާސަތުތަކާއިބެހޭ ގޮތުން މަޝްވަރާކުރިކަމަށެވެ.

މިބައްދަލުވުމުގައި މުހިފޫނިފިލުވުމުގެ ދާއިރާގެ ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި އެކްޓަރުން ބައިވެރިވެ ޚިޔާލު ހުށެހެޅިއިރު އެބޭފުޅުންވަނީ މަޝްވަރާތަކާއި މެދު ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ދާއިރާ ވަރަށް ބޮޑަށް ކުރިއަރިގެންދާނެ ކަމުގެ ފެހި ސިގްނަލް ޕީއެސްއެމްއިން ދީފައިވާކަމަށާއި، މިއީ އޮލިމްޕަހާއި ފިލްމީ ދާއިރާގެ ދިގު ތާރީޚުގައިވެސް މިފަދަ އުންމީދެއް އާވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައެވެ.

އޮލިމްޕަސް މިހާތަނަށް ހިންގަމުން އައީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ސެންޓަރ ފޮރ ދި އާރޓްސް، އެންސީއޭ އިންނެވެ. ނަމަވެސް ރައީސް ޔާމީންގެ ޒުވާނުންގެ އެޖެންޑާ ތަންފީޒުކުރުމުގައި ބޮޑެތި ކާމިޔާބީތައް ހޯދައިދިނުމަށް ޕީއެސްއެމްއިން ފެށި މިމަޝްރޫޢުގެ ދަށުން ޕީއެސްއެމްއިން ވަނީ އޮލިމްޕަސް ހިންގުމާއިހަވާލުވެފައެވެ. އަދި މިމަސައްކަތުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގައި ފަންނުވެރިން ތަމްރީނުކޮށް، މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރިން ނުލިބޭ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ޕީއެސްއެމުން ދަނީ މަސައްކަތް ކުރަމުންނެވެ.