ޚަބަރު

އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުވަން ސަރުކާރުން އިސްކަންދޭ - ޖެންޑަރ މިނިސްޓަރ


ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަމަށް ވާއިރު، އަންހެނުން ބާރުވެރިކުރުވާ އިޤްތިޞާދީގޮތުން ފުދުންތެރިބަޔަކަށް ހެދުމަކީ އަދުގެ ސަރުކާރުން ވަރަށްބޮޑު އަހަމިއްޔަތުކަމެއްދޭ ކަމެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ މިހެން ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ، އެސޯސިއޭޝަން އޮފް ލޭޑީ އޮންޓެޕްރިނިޔާސް (އޭއެލްއީ) އިން އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން މިދިޔަ އަހަރުގެ އޭޕްރިލްމަހު ފެށި "ކޮފީ ވިތް އޭއެލްއީ"ގެ ފުރަތަމަ ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށްޓަކައި މިރޭ ބޭއްވި ހަފްލާގައެވެ.

މިނިސްޓަރު ޒެނީޝާ ވިދާޅުވީ އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއްކަމަށާއި، އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މުޖުތަމައުގެ އެކި ދާއިރާތަކުގައި އަންހެނުންނަށް ހަމަހަމަކަމާއިއެކު ބައިވެރިވެވޭނޭ ގޮތްތައް ހޯދައިދިނުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

" ސަރުކާރުގެ އެކި ލޯން ސްކީމްތަކުން އަންހެނުންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ދަނޑުވެރިކަމާއި އެނޫންވެސް ދާއިރާއިން ގިނަ އަދަދެއްގެ އަންހެނުންނަށް ލޯނުތައް ވަނީ ދޫކުރެވިފައި. އަދި އަލަށް ވިޔަފާރި ފަށަން ގަސްދުކުރާ ފަރާތްތަކަށް ތައާރަފްކޮށްފައިވާ ލޯން ސްކީމްގެ ދަށުންވެސް ދޫކުރާ ލޯނުތަކުގެ 40 އިންސައްތަ ޚާއްސަކޮށްފައިވަނީ އަންހެނުންނަށާއި ޒުވާނުންނަށް" މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

މިނިސްޓަރ ޒެނީޝާ ވިދާޅުވީ ގިނަ ހާލަތްތަކުގައި އާއިލާގެ ޒިންމާތަކާއި ގޭތެރޭގެ މަސައްކަތްތަކުގައި އަންހެނުންގެ ހިއްސާ ބޮޑުވުމުގެ ސަބަބުން ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ އަންހެނުންނަށް އެމީހުންކުރާ ކުދި ވިޔަފާރީގެ މަސައްކަތްތައް ފުޅާކޮށް ކުރިއެރުވުމަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށާއި، އަންހެނުން ކުރާ މިފަދަ ވިޔަފާރިތަކަށް މާކެޓް ހޯދައިދޭންޖެހޭކަން މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ.

އެސޯސިއޭޝަން އޮފް ލޭޑީ އޮންޓެޕްރިނިޔާސް (އޭއެލްއީ) އިން ކުރިއަށްގެންދިޔަ ފުރަތަމަ ޕްރޮގްރާމްގައި ތަފާތު 10 މައުލޫއަކަށް ވަނީ ތަމްރީނު ދެވިފައެވެ. ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ މުއައްޒަފުންނާއި އަމިއްލަ ކުންފުނިތަކުގެ މުއައްޒަފުން އަދި އަންހެން ވިޔަފާރިވެރިންނާއި އެނޫންވެސް ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 228 މީހުން ވަނީ ތަމްރީނު ކުރެވިފައެވެ.

އެސޯސިއޭޝަން އޮފް ލޭޑީ އޮންޓެޕްރިނިޔާސް (އޭއެލްއީ) އިން ބުނީ، "ކޮފީ ވިތް އޭއެލްއީ"ގެ ދެވަނަ ޕްރޮގްރާމް ކުރިއަށްގެންދާނީ އަތޮޅުތެރޭގެ ފަރާތްތަކަށް ކަމަށެވެ.