ޚަބަރު

ޞިއްޙީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް ރަނގަޅަށް - ނާޒިމް


ޞިއްޙީ ހިޔާވަހިކަން ދިވެހި ކޮންމެ ރައްޔިތަކަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭކަމެއް ކަމަށާއި، މިދައުރުގެ ތެރޭގައި އެކަން ވަރަށް ރަނގަޅަށް ރާއްޖޭގައި ހާސިލުވަމުން އަންނަކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ މިހެން ވިދާޅުވީ، ދުނިޔޭގެ ސިއްޙަތުދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އދ.މަހިބަދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހުގެ މިއަހަރުގެ ޝިޢާރަކީ، "ޔުނިވަރސަލް ހެލްތްކަވަރޭޖް އެވްރިވަން އެވްރިވެއަރ" ނުވަތަ ޞިއްޙަތުގެ ކައުނީ ހިޔާއެވެ. "ކޮންމެ މީހަކަށް ކޮންމެތާކުން މި މައުޟޫ" ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ މިއަހަރުގެ ޞިއްޙަތު ދުވަހުގެ ޝިއާރުގައި ގޮވާލާ މުހިންމު ކަމަކީ 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާއި ރައީސް އަބްދުﷲ ޔާމީން ހަވާލުވެވަޑައިގެންނެވިއިރު އިޢުލާންކުރައްވާފައިވާ މެނިފެސްޓޯގައި ވަރަށް އިސްކަމެއް ދެއްވައިގެން ހިމަނުއްވާފައިވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީންގެ ކެމްޕެއިނުގެ އެންމެ މުހިއްމު އެއް ވަޢުދަކީ، ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އަސާސީ ޞިއްޙީ ފަރުވާ ލިބިދޭން ޖެހޭނެކަމަށް ވެވަޑައިގެންފައިވާ ވަޢުދެވެ. މިއަމާޒަށް ވާސިލުވުމަށް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށް، ސިއްޙީ ދާއިރާއަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް ގެންސްފައި ވާކަން ހެލްތް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޔުނިވަރސަލް ހެލްތްކަވަރޭޖް ނުވަތަ ސިއްޙަތުގެ ކައުނީ ހިޔާ ލިއްބައިދިނުމުގައި ރާއްޖެމިއޮތީ ސަރަޙައްދުގެ ގިނަ ޤައުމުތަކާއި، އަދި ދުނިޔޭގަވެސް ބައެއް ޤައުމުތަކާ އަޅާބަލާއިރު ވަރަށް ރަނގަޅު ޙާލަތެއްގައި ފާހަގަކުރައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، ސިއްޙީ ނިޒާމަކީ އަބަދުވެސް ތަރައްޤީވަމުންދާން ޖެހޭ ނިޒާމަކަށްވާއިރު މިހާރު ހުރި ބައެއް ގޮންޖެހުންތަނުން އަރައިގަނެ މިދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް މެދުކެނޑުމެއްނެތި ސަރުކާރުން މަސައްކަތްކުރާނެކަމަށެވެ. އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށް މިހާރު ކުރާ މަސައްކަތްތަކުން 2013 ވަނަ އަހަރާއި އަޅާބަލާއިރު، މިދާއިރާ އަށް ސަރުކާރުން ކުރާ ޚަރަދު 130 ގުނަ އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ކުރިއެރުންތަކާ ހަމައަށް އައުމުގައި ޞިއްޙީދާއިރާގެ އެންމެ އާދައިގެ ވަޒީފާއިން ފެށިގެންގޮސް އެންމެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރެއްވި މަސައްކަތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރުވަނީ ޞިއްޙީދާއިރާ ކުރިއަރުވައި ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައވާ މުހިންމު މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. އަދި އިތުރަށް ޙާޞިލްކުރައްވަން މަސައްކަތްކުރައްވާ ކަންކަން ކާމިޔާބުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ކަންކަން ފަހިކޮށް މަސައްކަތްކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

ދުނިޔޭގެ ސިއްޙަތުދުވަސް ފާހަގަކުރުމަށް މަހިބަދޫ ކައުންސިލާއި، ސިއްޚީ މަރުކަޒުން ދެއްވި އެއްބާރުލުން ފާހަގަކޮށް މިޖަލްސާގައި އެފަރާތްތަކަށްވަނީ ހަނދާނީލިއުންދެއްވާފައެވެ.