ޚަބަރު

ބަހުގެ ދަރަޖަތައް ރަގަޅަށް ދަސްކުރަންޖެހޭ - އަޝްރަފު އަލީ


ދިވެހި ބަހަށާއި އަދަބަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ޙުސައިން ސަލާޙުއްދީން އުފަންވެވަޑައިގަތް ތާރީޚާ ގުޅުވައިގެން ރާއްޖޭގައި ފާހަގަކުރާ ދިވެހި ބަހުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 14 އޭޕްރިލް 2011 ވަނަ އަހަރުއެވެ. ދިވެހި ބަހުގެ ދުވަހުގެ މިއަހަރުގެ ޝިއާރުގެ ގޮތުގައި ހަމަޖައްސާފައިވަނީ "ދިވެހި ފޮތް ކިޔަމާ، ދަރިވަރުން، ބެލެނިވެރިން، އަހަރުމެން އެންމެން" އެވެ.

ދިވެހި ބަހުގެ ދުވަހެއް ފާހަގަކުރަމުން އަންނައިރު، ކޮންމެ ދިވެއްސަކަށްވެސް މިދުވަހަކީ މުހިންމު ދުވަހަކަށްވާނެއެވެ. އެގޮތުން ދިވެހި ބަހާއި ދިވެހި ބަހުގެ އަދަބަށް އާރޯކަމާ ތާޒާކަން ގެނައުމަށް ކޮންމެ ދިވެއްސަކުވެސް މިވަނީ ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ރައްޔިތުން ލޯބިކުރާ އަމިއްލަވަންތަ ބަހެއް އޮންނަކަމަށެވެ. އެގޮތުން ދިވެހިންގެ ދިވަހިެ ބަހަކީވެސް އަމިއްލަ މުއްސަދި ބަހަކަށްވާއިރު ބަހުގައި ހުރި ރިތީ ބަސްތަކާއި ދިވެހިވަންތަ ބަސްތައް ބޭނުންކުރަންޖެހޭކަމަށެވެ. އަދި ދިވެހި ބަހުން ރީތިކޮށްވާހަކަ ދައްކާ ދިވެހި ބަހުގެ ދަރަޖަތައް ކޮންމެ ދިވެއްސެއް ރަނގަޅަށް ދަސްކުރަންޖެހޭކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ.

"ބަހުގެ ރީތިކަމާ ބަހުގެ އަބަދުވެރި ފަރާތަކީ ދިވެހި ބަހަށް ކަނޑައެޅިފައި ހުރި އޭގެ އާންމު ރަސްމީ ބަހުރުވައިގައި ހުންނަ ދަރަޖަަތައް. އެ ދަރަޖަތައް ހުރިހާ ދިވެހިންނަށް އެނގެންޖެހޭ. އެއީ ދިވެހި ބަހުގެ މުއްސަނދިކަން އެނގިގެންދާކަމެއް. އެކަކު އަނެކަކަށް މުއާމަލާތްކުރާއިރު އަދަބު އިހުތިރާމް އަދާކުރުމުގައި ބަސްމަގުގައި ހުރި ތަފާތު ގިންތި ކުރުމުގެ ނިޒާމަށް ސަމާލުވާންޖެހޭ." އަޝްރަފް އަލީ ވިދާޅުވިއެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބަހުގެ އެކަޑަމީން އަންނަނީ ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި އަހަރުތަކަށް ބަހާލައިގެން ތަފާތު އެތައް ހަރަކާތްތަކެއް އަންނަނީ ރާވާ ހިންގަމުންނެވެ. ބަހުގެ އެކަޑަމީން މިއަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ތާނައިން އަތުލިޔުމުގެ ޤައުމީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މަޤްސަދަކީ ރީތިކޮށް ލިޔަން ދަސްކޮށްދިނުމާއި ދިވެހި ބަހަށް ލޯބިޖެއްސުން ކަމަށް ބަހުގެ އެކަޑަމީން ބުނެއެވެ.