ޚަބަރު

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ކިޔެވުން މާދަމާ ފަށަނީ


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އިން ކޮންމެ އަހަރަކު ރަމަޟާންމަހު ކުރިއަށްގެންދާ ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ކިޔެވުން މާދަމާ ފަށާނެއެވެ.

ތުއްތުކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސައި އެކުދިން ޤުރުއާނަށް އަހުލުވެރި ކުރުމުގެ މަޤްސަދުގައި ޕީއެސްއެމްއިން ކުރިއަށްގެންދާ މި މުބާރަތް މިއަހަރު އަމާޒުކޮށްފައިވަނީ ފަސް އަހަރާއި އަށްއަހަރާ ދެމެދުގެ ކުދިންނަށެވެ. މިއަހަރުގެ މުބާރާތުގެ މުޤައްރަރަކީ ސޫރަތުލް އައުލާއިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށެވެ.

މުބާރާތުގެ ކިޔެވުން މާދާމާ ފަށާއިރު މިއަހަރު 8 ސަރަޙައްދެއްގައި ކިޔެވުން ކުރިއަށް ގެންދިޔުމަށް ޕީއެސްއެމްއިން ވަނީ ނިންމާފައެވެ. އެގޮތުން މާދާމާ ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުށީގައި ކިޔެވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު މިމަހުގެ 21 ގައި އއ. މަތިވެރިއާއި ދ.ކުޑަހުވަދޫގައި ކިޔެވުން ކުރިއަށްގެންދާނެއެވެ. އަދި މިމަހުގެ 24ވަނަ ދުވަހު ލ.ފޮނަދޫގައި ކިޔެވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު ތ.ތިމަރަފުށީގައި ކިޔެވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ފުވައްމުލައް ސިޓީއާއި މާލޭ ސިޓީގައި ކިޔެވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ހަތަރަކާއި ފަހެއްގައެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ހިތުދަސްކުރުމުގެ ގޮފިންނެވެ. ޕީއެސްއެމް އިން ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ވީޑީއޯ ކެޓަގަރީ ހިމެނޭކަމަށެވެ. ވީޑިއޯ ކެޓަގަރީގައި ހިމަނަނީ ކިޔެވުން އަމިއްލައަށް ރެކޯޑްކުރުމަށްފަހު ފޮނުވާ ވީޑިއޯތަކެވެ. ވީޑިއޯ ކެޓަގަރީއަށް ފޮނުވާ ވީޑިއޯތައް ހިމަނަނީ ބަލައިގެން ކިޔެވުމުގެ ބައިގައެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށައަޅަން ނުޖެހޭއިރު، ކިޔެވުން އޮންނަ ގަޑީގައި އައިޑީކާޑު ހިފައިގެން އައުމުން މުބާރާތުގައި ބައިވެރިވެވޭނެކަމަށް ޕީއެސްއެމް އިން ބުނެއެވެ.