ޚަބަރު

ގެނބެމުންދިޔަ 4 އަހަރުގެ ކުއްޖަކު، ފުލުހެއްގެ މަސައްކަތުން ސަލާމަތްކޮށްފި



 
ބެލެނިވެރިޔަކުނެތި މޫދަށްއެރި އުޅެނިކޮށް ގެނބެމުންދިޔަ 4 އަހަރުގެ އަންހެން ކުއްޖަކު ފުލުހެއްގެ މަސައްކަތުން ސަލާމަތް ކޮށްފިއެވެ.
 
އާޓިފިޝަލް ބީޗަށް މޫދަށް އެރި އުޅުނު 4 އަހަރުގެ ކުއްޖާ ގެނބެމުން ދަނިކޮށް މިއަދު ހަވީރު 17:50 ހާއިރު ސަލާމަތް ކޮށްފައި ވަނީ ފޮރެންސިކް ސަރވިސް ޑައިރެކްޓަރޭޓްގައި މަސައްކަތްކުރާ ޕޮލިސް ކޯޕްރަލް ޝާޢިރާ ރަފީޢު އެވެ.
 
ޝާޢިރާ ދަރިފުޅު ގޮވައިގެން އާޓިފިޝަލް ބީޗް ސަރަހައްދު ސްޓޭޖާ ދިމާ ސިޑިމަތީ ހުއްޓައި، ކުޑަކުއްޖަކު ގެނބެމުންދިޔަ މަންޒަރު ފެނުމުން އޭނާގެ ދަރިފުޅު އެކުވެރިޔަކާ ހަވާލު ކުރުމަށްފަހު، ދުވެފައިގޮސް މޫދަށް އެރި އެކުއްޖާ މޫދުން ނަގައި ވަނީ ފުރަތަމަ އެހީ ފޯރުކޮށްދީފައެވެ. އަދި އެވަގުތު ބޮޑުތަކުރުފާނުމަގުން ދަތުރުކުރަމުން ދިޔަ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓްގެ އޮޕަރޭޝަންސް ވެހިކަލްގައި ގެނބުނު ކުއްޖާ ގޮވައިގެން ޝާއިރާ ވަނީ އިތުރުފަރުވާދިނުމަށް ހޮސްޕިޓަލަށް ގޮސްފައެވެ.
 
އާޓިފިޝަލް ބީޗަށް މޫދަށް އެރިއުޅެނިކޮށް ގެނބުނު ކުއްޖާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެ ކުއްޖާގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ބަލަމުންނެވެ.