މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ގާލާ ސްޓޭޖުން އިތުރު ހުނަރުވެރިއެއް


ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްއަކީ ބެލުންތެރިންނަށް މުނިފޫހިފިލުވުމުގެ ތަފާތު ރަހަތައް ގެނެސްދޭ ޝޯވއެކެވެ. ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ މި ޝޯވ މެދުވެރިކޮށް ލަވަކިޔުމުގެ އިތުރުންވެސް ތަފާތު ހުނަރުތައް އާއްމުންނާއި ހަމައަށް ގެނެސްދޭއިރު، މިޝޯވްގެ ފޭނުން ނުވަތަ ބެލުންތެރިން މި ޝޯވްއަށް ޚާއްޞަ ސަމާލުކަމެއްދޭކަން ފާހަގަކޮށްލެވެއެވެ. މިފަހަރު މި ގެނެސްދެނީ މޯލްޑިވިއަން އައިޑަލްގެ މިފަދަ ފޭނަކު ޓްވިޓަރގައި އައިޑަލްގެ ޓީމާއި ކުރި "ޗެލެންޖެއް" ކާމިޔާބުކުރި ވާހަކައެވެ.

ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ޓުވިޓަރއާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެންމެ ގިނަ ބަޔަކު ވާހަކަދައްކާ އެއް މަޢުޟޫއަކީ މޯލްޑިވިއަން އައިޑަލްއޭ ބުނުމަކުން މިހާރު ދޮގަކަށް ނުވާނެއެވެ. އައިޑަލްގެ ފޯރި މުޅި ސޯޝަލް މީޑިއާގައި ހިފާލާފައިވާއިރު، އައިޑަލްގެ ބައިވެރިންނަށް އޮންނަ ލޯތްބާއި ތާޢީދު ހާމަކޮށްދިނުމުގެ ގޮތުން ތަފާތު ޝުޢޫރުތައް މީހުން ފާޅުކުރަމުންދެއެވެ. މީގެ ތެރޭގައި ބައިވެރިންގެ ހުށައެޅުންތައް ހަމަ ލޮލުން ދެކިލާ، ބައިވެރިންނާއެކު ސެލްފީއެއް ނަގާލުމުގެ ފުރުޞަތު ލިބޭނެބާއޭ ހިތަށް އަރާނެ ފަރާތްތައްވެސް ވަކި މަދެއް ނުވާނެކަން ޔަޤީންނެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ 4 ވަނަ ޝޯވ ނިމިގެންދިޔައިރު، މޯލްޑިވިއަން އައިޑަލްގެ ޓީމުން މިވަނީ މި ފުރުޞަތު އައިޑަލްގެ ސަޕޯޓަރަކަށް ދީފައެވެ.

ޓްވިޓަރގައި 300 އަށްވުރެ ގިނަ ރީ-ޓުވީޓްސް ހޯދައިފިނަމަ އައިޑަލްގެ ގާލާ ޝޯވއަކަށް ދަޢުވަތު ދޭނެކަމަށް ބުނެ މޯލްޑިވިއަން އައިޑަލްގެ އޮފިޝަލް ޓުވިޓަރ ހޭންޑްލްއިން އާލިފް ނަޞީރާކުރި ޗެލެންޖް އޭނާ ކާމިޔާބުކޮށްފައިވަނީ އެންމެ 6 ވަރަކަށް ގަޑިއިރުގެ ތެރޭގައެވެ. އާއްމުގޮތެއްގައި އައިޑަލްގެ ޝޯވތަކުގެ ރެކޯޑިންގގައި ބައިވެރިވުމުގެ ފުރުޞަތު ޕްރޮޑަކްޝަން ޓީމުން ދެނީ ބައިވެރިންގެ އާއިލާގެ މެންބަރުންނަށާއި، ގާތް އެކުވެރިންނަށެވެ. އެހެންނަމަވެސް އާލިފް އޭނާގެ ޗެލެންޖް ކާމިޔާބުކުރުމާ ގުޅިގެން އައިޑަލްގެ ޓީމުން އޭނާއަށް ގާލާގެ ރިކޯޑިންގއެއްގައި ބައިވެރިވުމުގެ ފުރުޞަތު ދީފައިވާއިރު، މިއީ މިދިޔަ 2 ސީޒަންގައިވެސް ފެނިފައިނުވާ ތަފާތު މަންޒަރެކެވެ.

"
އަސްލު މަޖަލަކަށް ޓުވިޓެއްކޮށްލީ ކިތައް ރިޓުއީޓްސް ލިބުނިއްޔާހޭ ގާލާ ރައުންޑަށް އިންވިޓޭޝަން ލިބޭނީ. މަޖަލަކަށް ކުރިކަމެއް އެމީހުން ސީރިއަސްކޮށް ނަގައިގެން، އެފުރުޞަތު ދިނީމައި ވަރަށް ހިތްހަމަޖެހުނު
އާލިފް

މޯލްޑިވިއަން އައިޑަލްގެ، ބައިވެރިންގެ ހުށައެޅުންތައް ހަމަލޮލުން ވަގުތުން ބަލާލުމުގެ ފުރުޞަތު ލިބޭނެކަމަށް އާލިފް ހުރީ އުންމީދުކޮށްގެނެއް ނޫނެވެ. ނަމަވެސް އައިޑަލްގެ ޓީމުން އާލިފަށް އެ ފުރުޞަތު ދީ، އައިޑަލްގެ ސެޓަށް އައިސް، ޝޯވގެ ބައިވެރިންނާއި، ޖަޖުންގެ އިތުރުން ޕްރޮޑަކްޝަން ޓީމުގެ މެމްބަރުންނާއި ބައްދަލުކޮށް، އެމީހުންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.

އައިޑަލްގެ ބައިވެރިންނާއެކު އާލިފްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން، އާލިފްއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޕީ.އެސް.އެމްގެ ނިއުސް ޓީމުން ކުރި މަސައްކަތުން އެނގިގެންދިޔައީ، އާލިފްއަކީ އައިޑަލްގެ ބައިވެރިންނަށް ވަކި ދޫނުކުރާ ވަރުގެ ހުނަރުވެރި ޒުވާނެއްކަމެވެ. ސްކްރީން މީޑިއާގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ އާލިފްއަކީ އަމިއްލަ ޔޫޓިއުބް ޗެނަލެއް ހިންގަމުންދާ ޒުވާނެކެވެ.

"
"ބޭނުންވީ އަމިއްލައަށް ވީޑިއޯއެއް ހަދާލާ ޓެސްޓުކޮށްލަން. އެންމެ ފުރަތަމަ ހެދީ ޗާޖަރ އެޑްވެންޗަރ ކިޔާ ވީޑިއޯއެއް. އެއީ ފޯނެއްގެ ޗާޖަރު ގެއްލިގެން އެ ހޯދަން ކުރާ މަސައްކަތް އޭނގެން ދައްކައިދޭން ބޭނުންވީ. މިހާރު 5 ވަރަކަށް އަހަރު މިވީ މިކަން ކުރާތާ، ސޯ ފަރ، ސޯ ގުޑް"
އާލިފް

އާލިފްގެ ކްރިއޭޓިވިޓީއާއި ހުނަރު އެންމެ ފުރިހަމައަށް ފެނިގެންދަނީ އޭނާގެ ޔޫޓިއުބު ޗެނަލަށް އަޕްލޯޑުކޮށްފައިހުރި ތަފާތު މައުޞޫއުތަކަށް ތައްޔާރުކޮށްފައިވާ ހެއްވާ މަޖާ ވީޑިއޯ ކްލިޕްތަކުންނެވެ. ތަފާތު ކެރެކްޓަރތަކަށް އަމިއްލައަށް އެކްޓުކޮށްފައި ހުންނަ މި ވީޑިއޯތަކުގެ ޙާއްސަކަމަކީ، ސްކްރިޕްޓް ލިޔުމުން ފެށިގެންގޮސް، ކެމެރާކުރުމާއި، އެޑިޓިންގެ ހުރިހާ މަސައްކަތަކީވެސް އާލިފްގެ އަމިއްލަ މަސައްކަތްކަންކަމެވެ. މިއީ ބުރަ އަދި ގިނަ ވަގުތު އެކަމަކަށް ހުސްކުރަން ޖެހޭ ކަމަކަށްވިޔަސް، މި މަސައްކަތް ކުރަނީ އެކަމަށް ހުންނަ ޝަޢުގެއްގެ ބޮޑުކަމުންކަން އާލިފް ފާހަގަކުރެއެވެ.

ޝަޢުގާއި ހިތްވަރެއް ހުރިނަމަ، ކޮންމެ ކަމެއްވެސް އަމިއްލައަށް ކުރެވިދާނެކަން އާލިފް މިވަނީ ސާބިތުކޮށްދީފައެވެ. ދިވެހިންގެ ތެރޭގައި މިފަދަ ތަފާތު ހުނަރުގެ ޒުވާނުން ތިބިއިރު، އާލިފްގެ ނަސޭހަތަކީ، ކޮންމެ ކަމަކާވެސް ކެރިގެން ކުރިމަތިލުމެވެ. ކާމިޔާބުވުމާއި ނުވުން، އެއް ފަރާތެއްގައި ބޭއްވުމަށްފަހު، ކޮލެޓީ މޮޅު އުފެއްދުމެއް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ހިތްވަރާއެކު މަސައްކަތް ކުރުމެވެ.