ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު 3 ސިޓީއަކަށް


މިއަހަރުގެ ތެރޭގައި ޗައިނާގެ އިތުރު ތިން މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވިއަނުން ބުނީ ޗައިނާގެ އިތުރު ތިން މަންޒިލުގެ އިތުރުން ބައިނަލްއަޤްވާމީ އެހެން ބައެއް މަންޒިލްތަކަށްވެސް ދަތުރުތައް ފުޅާކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން މިހާރު ދަތުރުތައް ކުރަމުންއަންނަ ބައިނަލްއަޤްވާމީ މަންޒިލްތަކުގެ ޢަދަދު އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޗައިނާގެ އިތުރު 3 މަންޒިލަކަށް އެ އެއަރލައިންގެ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވިއަނުން ބުނެއެވެ. މޯލްޑިވިއަނުން މިހާރުވެސް އަންނަނީ ޗައިނާގެ 6 މަންޒިލަކަށް ދަތުރުކުރަމުންނެވެ. ނަމަވެސް އަލަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ 3 މަންޒިލްގެ މާކެޓް ސްޓަޑީތައް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެއީ ކޮން ތިން މަންޒިލެއްކަމެއް މޯލްޑިވިއަނުން އަދި ހާމައެއް ނުކުރެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕުރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް ކޮމާޝަލް އާމިނަތު ސަމީހާ ވިދާޅުވީ މިއަހަރުގެ ފަހުކޮޅު ޗައިނާގެ އިތުރު 3 ސިޓީއަކަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާނެކަމަށެވެ. މީގެ އިތުރުން މިހާރު މޯލްޑިވިއަނުން ދަތުރުތައް ކުރަމުންއަންނަ އިންޑިއާ ބަންގްލަދޭޝް، ތައިލޭންޑަށް ކުރާ ދަތުރުތައްވެސް މިއަހަރު ފުޅާކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭޝިޔާއާއި ސައުތު އެފްރިކާއާއި އެހެނިހެން މަންޒިލްތަކަށްވެސް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ސަމީހާ ވިދާޅުވިއެވެ.

"ޗައިނާގެ އިތުރު 3 ސިޓީއަށް މިއަހަރު ދަތުރުތައް ފެށޭނެ. ދެން އޭގެއިތުރުން މިހާރު އަޅުގަނޑުމެން މި އޮޕްރޭޓްކުރަނީ އިންޑިއާ، ބަންގްލަދޭޝް ތައިލޭންޑް އިނގޭތޯ. މިތިން ޤައުމަށްވެސް އަޅުގަނޑުމެންގެ ދަތުރުތައް ފުޅާކުރުމަށް އެބަ މަސައްކަތްކުރަން. މިހާރު އިންޑިއާގެ 2 ސިޓީއަކަށް އެބަ އޮޕަރޭޓްކުރަން އެއީ ޓްރިވެންޑްރަމް އާއި ޗެންނާއީ. ދެން ބަންގްލަދޭޝް ދެން އައިސް ބެންކޮކް. ޔޫރަޕަށާއި، ޖުހެނެސްބަރގް މިހެންއައިސް ޖަޕާން އަދި އޭޝީޔާގެ އެހެން ސެކްޓަރތައްވެސް މިހާރު ސްޓަޑީކުރަމުންދަނީ." އައިމިނަތު ސަމީހާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުކުރަމުން އަންނައިރު ދަތުރުތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ޢަދަދުވެސް އަންނަނީ އިތުރުކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ ދަތުރުތަކުގައި ބޭނުންކުރުމަށް އެއަރބަސް އޭ 330 ގެ ބޯޓު ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ. މިދިޔަމަހުވެސް އެ ކުންފުނިން ވަނީ ޑޭސް 8 މަރުކާގެ ބޯޓެއް ގެނެސްފައެވެ. ބައިނަލްއަޤްވާމީ ދަތުރުތަކުގައި މިހާރު އެކުންފުނިން ބޭނުންކުރަމުން އަންނަނީ 2 ބޯޓެވެ.