ޚަބަރު

ފިލްމު ދެއްކުމާއި ޝޯވތައް ބޭއްވުމަށް އޮލިމްޕަސް ދޫކުރާ އަގު %50 ހެޔޮކޮށްފި


ދިވެހި ފިލްމު ދެއްކުމަށާއި މިއުޒިކު ޝޯވތައް ބޭއްވުމަށް އޮލިމްޕަސް ދޫކުރާ އަގު 50 އިންސައްތަ ހެޔޮކުރަން ޕީއެސްއެމުން ނިންމައިފިއެވެ.

ދިވެހި ފިލްމު ދެއްކުމަށާއި، މިއުޒިކްޝޯވް ބޭއްވުމަށް މިހާރަށްވުރެ ހެޔޮއަގުގައި އޮލިމްޕަސް ކުއްޔަށް ދޫކުރަން ނިންމާފައިވާކަން ހާމަކުރީ މިރޭ ޕީ.އެސް.އެމުން ނެރުނު ނޫސްބަޔާނެއްގައެވެ. އެގޮތުން އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ޝޯ އަކަށް ހަތަރު ހާސް ރުފިޔާ ނަގަމުން އައިނަމަވެސް، މިއަދު ގެނައި ބަދަލާއެކު މި އޭޕްރިލް މަހުގެ 15 އިން ފެށިގެން އޮލިމްޕަސް ކުއްޔަށް ދޫކުރާނީ ކޮންމެ ޝޯވް އަކަށް ދެހާސް ރުފިޔާއަށެވެ. މިއީ ކުރިން ދޫކުރަމުން އައި އަގުގެ ފަންސާސް އިންސައްތަ ކުޑަ އަދަދެކެވެ.

މީގެ އިތުރުން އޮލިމްޕަހުގެ އެތެރެ ހަލާކުވެ، ޒަމާނީ ފެންވަރަށް ފިލްމުދެއްކުމަށް އެތަނުގައި ބޭނުންކުރަމުންއައި ޕްރޮޖެކްޓަރު ހަލާކުވެފައި ހުންނަތާ އެތައް މަހެއް ވެފައިވާއިރު، އޮލިމްޕަސް ހިންގުމާއި ޕަބްލިކް ސަރވިސް މީޑިއާ އިން ހަވާލުވުމާއެކު، ޒަމާނީ ފެންވަރަށް އެތަނުގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ޕީ.އެސް.އެމުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފިލްމު ދެއްކުމަށް ބޭނުންކުރާ ޕްރޮޖެކްޓަރާއި ސައުންޑް ސިސްޓަމްވެސް ޒަމާނީ ފެންވަރަށް ބަދަލުކޮށް، ޒުވާނުންނަށް ޚާއްޞަ ވަސީލަތްތައް ތަނަވަސްކުރުމުގެ މަސައްކަތް ޕީ.އެސް.އެމުން ފަށާފައިވާ ކަމަށް މިރޭ ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އޮލިމްޕަސް ބުކް ކުރުމާއި، ޓިކެޓް ގަތުމުގެ ކަންކަން އޮންލައިންކޮށް ކުރެވޭނެ ވަސީލަތް ޤާއިމްކުރުމުގެ މަސައްކަތްވެސް ޕީ.އެސް.އެމުން މިހާރު ވަނީ ފަށާފައެވެ. މިމަސައްކަތް ނިމުމާއެކު ވަރަށް އަވަހަށް ދުވާލާއި ރޭގަނޑުގެ އެކި ވަގުތުތަކުގައި ފިލްމު ދެއްކޭގޮތަށް އޮލިމްޕަސް ބަދަލުކޮށް ޚިދުމަތްދޭން ފަށާނެކަމަށް ޕީއެސްއެމްއިން ބުނެއެވެ.

މިގެނެވޭ ބަދަލުތަކާއެކު ދިވެހިންގެ މެދުގައި މަޤުބޫލު އެކި ސަޤާފަތްތަކާއި ބަސްބަހުގެ ފިލްމުތަކާއި ކުޑަކުދިންނަށް ޚާއްޞަ ފިލްމުތައްވެސް އޮލިމްޕަހުގައި ޤަވާއިދުން ދެއްކުމަށް ޕީއެސްއެމުން ވަނީ ނިންމާފައެވެ. އަދި ދިވެހި ފިލްމުތައް ޕްރޮމޯޓްކޮށް އިތުރަށް މަޤުބޫލުކުރުވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނިންމާފައިވާކަމަށް ޕީއެސްއެމްއިން ބުނެއެވެ.