ދުނިޔެ

ސްރީލަންކާގެ 6 ވަޒީރުން އެއްފަހަރާ އިސްތިޢުފާދެއްވައިފި


ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި މިދިޔަ ހަފުތާގައި ނެގި ނާކާމިޔާބު ވޯޓުގައި ރަނިލްއާ ދެކޮޅަށް ވޯޓުދެއްވި ވަޒީރުން އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މި ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަމިއްލަފުޅަށް މަޤާމުން އިސްތިއުފާދެއްވުންކަމަށް ރައީސް ސިރިސޭނާ އެ ބޭފުޅުންނަށް އެންގެވުމުން، މަޤާމުން އިސްތިއުފާދެއްވީކަމަށް، ރަނިލްގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި، ލަކްޝްމަން އަބޭވަރްދަނާ ވިދާޅުވިއެވެ.

ރަނިލްގެ މައްޗަށް އިތުބާރު ނެތްކަމަށް ވޯޓު ދިން ޤާނޫނު ހަދާ މަޖިލީހުގެ 76 މެންބަރުންގެ ތެރޭގައި އޭނާގެ ސަރުކާރުގެ ކެބިނެޓްގެ 16 ވަޒީރުންވެސް ހިމެނިވަޑައިގަންނަވައެވެ. މި 16 ވަޒީރުންގެ ތެރެއިން 6 ވަޒީރުން ނިސްބަތްވެވަޑައިގަންނަވަނީ ރައީސް މައިތުރިޕަލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީއަށެވެ. ރަނިލްގެ މައްޗަށް ނެގި އިތުބާރުނެތްކަމުގެ ވޯޓު ނާކާމިޔާބުވުމާ ގުޅިގެން ރަނިލް ވަނީ އެ ބޭފުޅުން މަޤާމުން ދުރުކުރުމަށް ރައީސް ސިރިސޭނާގެ ކިބައިން އެދިވަޑައިގެންފައެވެ.