ޚަބަރު

ސިޔާސީ ދެ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފި


ސިޔާސީ ދެ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މުޅިން އާ ސިޔާސީ ދެ ޕާޓިއެއް އުފެއްދުމަށް އެކޮމިޝަނަށް ހުށައަޅާފައިވާކަމަށާއި އެކަމުގެ ތަފުސީލު އަންނަ އާދިއްތަ
އާއްމުކުރާނެކަމަށެވެ.

ޝަރީފް ވިދާޅުވީ އަލަށް އުފެއްދުމަށް ހުށައަޅާފައިވާ ދެ ޕާޓިގެ ތެރެއިން އެއް ޕާޓީ އުފެއްދުމުގެ ހުއްދަ ދެވެން ނެތްކަން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރވި ފަރާތަކަށް އަންގާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމީ ޕާޓީ އުފެއްދުމަށް ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ޤާނޫނަށް އެއްގޮތަށް ފުރިހަމަކޮށްފައި ނުވާތީކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

" ވޭތުވެދިޔަ ދުވަސްތަކުގައި އައު ސިޔާސީ 2 ޕާޓީއެއް އުފެއްދުމަށް ހުށައަޅާފައި އެބައޮތް. އެހެންނަމަވެސް އަންނަ އާދީއްތަ ދުވަހަކީ މުއްދަތު ހަމަވާ ތާރީޚު ކަމަށްވަތީ އާދީއްތަ ދުވަހު އަޅުގަނޑުމެން އެކަމުގެ މަޢުލޫމާތު ޢާންމުކުރާނަން. އެހެންނަމަވެސް އެއްފަރާތަށް ހުއްދަ ދެވެން ނެތްކަމަށް އަޅުގަނޑުމެން ވާނީ އެފަރާތަށް ދަންނަވާފައި." އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމްޑީޕީއާއި، އެމްޑީއޭއާއި، ޖުމްހޫރީ ޕާޓީއާއި، ޑީއާރުޕީގެ އިތުރުން އަދާލަތު ޕާޓީއެވެ.