ޚަބަރު

ރިޔާސީ އިންތިޚާބު ހުއްޓުވުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދޭނަން- ޝަރީފް


މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ހުއްޓުވުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެއްވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނަ މިހެން ވިދާޅުވީ އެ އެކޮމިޝަންގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު މީޑިއާއާ ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭއްވުމަށް އިޢުލާންކޮށްފައިވާ ރިޔާސީ އިންތިޚާބު ހުއްޓުވުމުގެ ފުރުޞަތު އެއްވެސް ސިޔާސީ ޕާޓީއަކަށްވެސް މުއައްސަސާއަކަށްވެސް ނުދެއްވާނެކަމަށެވެ. އެކޮމިޝަންގެ މައްޗަށް އެއްވެސް ސިޔާސީ ޕާޓީއެއްގެ އަދި އެނޫންވެސް ފަރާތެއްގެ އެއްވެސް ނުފޫޒެއް ނެތްކަން ޔަޤީންކޮށްދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ، ސިޔާސީ ޕާޓީއަކުން ދައްކާ ވާހަކައަކުން ނުވަތަ ކުރާކަމަކުންވިޔަސް ރިޔާސީ އިންތިޚާބު ބޭއްވުމަށް އެއްވެސް ހުރަހެއް ނޭޅޭނެކަމަށެވެ.

އަދި، އެކޮމިޝަނުން އިޢުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށާއި، އެ ޝެޑިއުލަށްވުރެ ފަހަތަށް ނުވަތަ ތާރީޚަށްވުރެ ފަސްކުރުމުގެ ވިސްނުމެއްވެސް ނުގެންގުޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ. އިންތިޚާބު ބޭއްވުމުގެ ކުރިން އެކޮމިޝަނަށް އޮތް ހަމައެކަނި ދައްޗަކީ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް މިހާތަނަށް ގެނެވިފައި ނުވުންކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އިންތިޚާބުގެ ކުރިން އެ އިޞްލާޙުތައް ނުގެނެވިއްޖެނަމަ ކުރީގެ އިންތިޚާބުތަކުގައި ޢަމަލުކޮށްފައިވާގޮތަށް މިހާރުވެސް ޢަމަލުކުރަންދާ ޤާނޫނާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާނެކަމަށާއި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އަންނަ ހަފްތާގައި ބަންޑާރަ ނާއިބުގެ އޮފީހަށް ހުށައަޅުއްވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އެ އިޞްލާޙުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުންނާއި ސިޔާސީ ޕާޓީތަކުން ފާހަގަކޮށްފައިވާ އިޞްލާޙުތަކާއި، ސުޕްރީމް ކޯޓުގެ ގައިޑުލައިނުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އެކޮމިޝަނުން ބޭއްވި މަހާސިންތާއިން ފާހަގަކުރެވުނު މުހިންމު އިޞްލަޙުތައް ހިމެނޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޝެޑިއުލާ އެއްގޮތަށް ރިޔާސީ އިންތިޚާބު ބާއްވާނަން އިރާދަކުރެއްވިއްޔާ. ތިބޭފުޅުންނަށް ޔަޤީންކަން އަރުވަން އެއްވެސް ކަހަލަ ވާހަކަތަކެއްވެސް އަދި ފޯސްއެއްވެސް ނުކުރެވޭނެ ރިޔާސީ އިންތިޚާބަކަށް. އަދި މިއޮތް ގޮތަށް ޝެޑިއުލަށްވުރެ ފަހަތަށް ކައްސާނުލާނެކަމަށް މިބަލަނީ. މިވަގުތު ބަލާބެލުމަށް ރިޔާސީ އިންތިކާބު ބޭއްވުމުގެ މާހައުލެއް އެބައޮތް. އެއްވެސް ފަރާތެއް އެފަދަ މާހައުލެއް ނެތްކަމަށް މަޢުލޫމާތުދީ އަންގާފައެއްނެތް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އިންތިޚާބު ބޭއްވުމުގައި ޤާނޫނީގޮތުން ތަބާވާންޖެހޭ ކަންކަމަށް ފުރިހަމައަށް އެކޮމިޝަނުން ބޯލަނބާނެކަމަށާއި، އެނޫން އެއްވެސް ކަމަކަމަށް އެކޮމިޝަނުން ނުބަލާނެކަމަށެވެ. އަދި ހުރިހާކަމެއްވެސް ނިންމާނީ އެ ކޮމިޝަނުގެ މެޖޯރިޓީންކަންވެސް ޝަރީފް ވިދާޅުވިއެވެ.

" އިންތިޚާބުތައް ހާމަކަންބޮޑު އިންސާފުވެރިކޮށް ދިޔަކަން ހާމަވަނީ މީހަކު ބުނާ ބުނުމަކުންނޫން. އިލެކްޝަންސް ކޮމިޝަން އޮޕަރޭޓްކުރުމަށްޓަކައި އިންތިޚާބުތައް ބޭއްވުމަށްޓަކައި ޤާނޫނުތަކެއް ހަދާފައިއެބައޮތް. ޤާނޫނީ ފްރޭމްވޯކެއް އެބައޮތް. އުސޫލްތަކެއް އެބަހުރި. ޤަވާއިދުތަކެއް އެބަހުރި. އަޅުގަނޑު ޤަބޫލްކުރަގޮތުގައި ކޮންމެ މީހަކު ހުރިކަމުގައިވީނަމަވެސް އެ ޤާނޫނުތަކާ ޤަވާއިދުގެ އޮނިގަނޑުތަކުގެ ތެރެއިން ކުރަންވާކަމެއްވާނަމަ އިންތިޚާބުބޭއްވުމަށްޓަކައި ބޭއްވުމުން ވާނީ ކަނޑައެޅިފައިވާ މިންގަނޑާ އެއްގޮތަށް ބޭއްވި އިންތިޚާބަކަށް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓި ހުރިހާތާކުވެސް ވޯޓު ފޮށި ބަހައްޓާނެކަމަށެވެ. އެއީ ސިނާޢީ ރަށްރަށާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ހިމެނޭގޮތުންކަމަށެވެ. ނަމަވެސް ބަހައްޓާނެ ވޯޓު ފޮށީގެ ޢަދަދު އަދި ފައިނަލް ނުވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ ވޯޓު ލެވޭ މީހުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތްކަމަށާއި، އަންނަ މަހު އެލިސްޓް ޢާންމުކުރާނެކަން ޝަރީފް ތަކުރާރުކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ޖުލައި މަހު ހުޅުވާލައި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންތިޚާބު ބާއްވާނެކަން އިޢުލާންކޮށްފައެވެ.