ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދައް ބޭރުގެ މަސްބޯޓެއް ވަދެއްޖެ


ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުން ބޭރުގެ މަސް ބޯޓެއް ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއަދު ގާތްގަނޑަކަށް 15:20 ހާއިރު ށ.ކޮމަންޑޫ "ކުރުމަސް" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏަކުން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދިން މަޢުލޫމާތަކާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހއ.އުލިގަމާއި 17 މޭލު ބޭރުން ފެނިފައި ވަނީ ހާލުގައި ޖެހިފައިވާ އީރާނުގެ ލަކުޑި މަސް ބޯޓެކެވެ.

މި ބޯޓު ހާލުގައި ޖެހިފައިވަނީ ބޯޓުގެ ހުންގާނު ހަލާކުވުމުގެ ސަބަބުންނެވެ. އަދި މި ބޯޓުގައި އީރާނުގެ 6 މީހުން ތިބި އިރު ހުރިހާ އެންމެންގެވެސް ހާލު ރަނގަޅެވެ. މި ބޯޓު ކައިރީގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ބޯޓާ ގުޅޭ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.