ޚަބަރު

އައްޑުއާއި ފުވައްމުލައް ސިޓީގައި ޒަކާތު މަސައްކަތްކުރާނެ މުވައްޒަފުން ހޯދަނީ


އައްޑުއާއި ފުވައްމުލައް ސިޓީގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް ކޮންޓްރެކްޓަށް މުވައްޒަފުން ނަގަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ނިންމައިފިއެވެ.
ޒަކާތުގެ ކަންކަން ބެެލެއްހެއްޓުމަށް ޢާމިލުންގެ ގޮތުގައި ފުވައްމުލައް ސިޓީން ހަމީހުން އައްޑޫ ސިޓީން 8 މީހުން ކޮންޓްރެކްޓް އުޞޫލުން ނަގާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޢާމިލުންގެ ގޮތުގައި ނަގާ ފަރާތްތަކުން މަސައްކަތްކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އިސްލާމިކް މިނިސްޓްރީގެ އައްޑޫ އަދި ފުވައްމުލަކުގެ ޔުނިޓްގައެވެ.
ޢާމިލުންގެ މަސައްކަތްތަކުގެ ތެރޭގައި ފިޠުރު ޒަކާތް ބަލައިގަތުމާއި، ބަލައިގަންނަ ފިތުރު ޒަކާތުގެ ހިސާބުތައް ދިމާކުރުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތުގެ ފައިސާ ބެހުން ހިމެނެއެވެ.

މީގެ އިތުރުން 2017 ވަނަ އަހަރުގެ މުދަލު ޒަކާތްބެހުމާއި ބެހޭ މަސައްކަތްކުރުމާއި، ފިތުރު ޒަކާތާއި މުދަލު ޒަކާތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުމުގެ އިތުރަށް 1439 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓު އެކުލަވައިލުންވެސް ޢާމިލުންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ކޮންޓްރެކްޓް އުސޫލުން ތިންމަސްދުވަހުގެ މުއްދަތަކަށް ޢާމިލުން ނެގުމަށް ހަމަޖެހިފައިވާއިރު، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 350ރ އުޖޫރައިގެ ގޮތުގައި އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.