ތަރައްްޤީ

އެއަރޕޯޓަށް 52 އަހަރު - ފަޙުރުވެރިވުން ހައްޤު މަސައްކަތްތަކެއް!


ރާއްޖޭގެ އިޤްތިޞާދީ މައި ދޮރާށިކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު 52 އަހަރު ފުރޭއިރު، ޢުމްރާނީ ތަރައްޤީގެ ކުލަވަރުތައް އެންމެ ފުރިހަމަށް ފެނިގެންދާ އެއްތަނަކީ ދިވެހިންގެ އެއަރޕޯޓެވެ.

ދިވެހިންގެ އެއްބައިވަންތަކަމާއި، މިނިވަންކަމާ ގުޅިފައިވާ އެންމެ މުހިއްމު އެއް ރަމްޒުކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބިގެންދާ ކޮންމެ ކުރިއެރުމަކާއި، ތަރައްޤީއަކީ ދިވެހިންނާއި އަދި މުޅި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅިލާމެހިފައިވާކަމެކެވެ.

ހުޅުލޭގައި އެންމެ ފުރަތަމަ އެއަރޕޯޓެއް ހުޅުވާފައިވަނީ 1960 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 19 ގައެވެ. އިނގިރޭސީންގެ ހިމާޔަތުގައި ދިވެހިރާއްޖެ އޮތް ދުވަސްވަރު ހެދި މި އެއަރޕޯޓަކީ 3000 ފޫޓް ދިގު 75 ފޫޓް ފުޅާ، ރަންވޭއަކާއެކު، ދަގަނޑުފިލާ ބޭނުންކޮށްގެން ހެދި އެއަރޕޯޓެކެވެ. ނަމަވެސް، އިނގިރޭސީންގެ އަތްދަށުން މިނިވަންވުމަށް ރާއްޖެއިން މަސައްކަތް ފެށުމާއި، ދެކުނު ގަނޑުބަނޑާއެކު ދިވެހިންނާއި، އިނގިރޭސީންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ދިވެހިންގެ މެދުގައި އަމިއްލަ އެއަރޕޯޓެއް އެޅުމުގެ ވިސްނުން އުފެދިގެންދިޔައެވެ. މިއާއެކު ދިވެހިންގެ އަމިއްލަ އެއަރޕޯޓެއް ހެދުމަށް ސަރުކާރުން ގަސްތުކުރައްވާ، އެކަން އިޢުލާންކޮށްފައި ވަނީ 27 އޭޕްރީލް 1964 ގައި އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. މި އެއަރޕޯޓުގެ މަސައްކަތް ފެށީ ދިވެހިންގެ އަމިއްލަ ފައިސާއިންނާއި، ރައްޔިތުންގެ އެހީއާއި މަސައްކަތުންނެވެ.

މިއީ އޭރުގެ އިޤްތިޞާދީ ހާލަތަށް ބަލާނަމަ، ރާއްޖޭގައި ހިންގުނު އެންމެ އާދަޔާ ޚިލާފު އަދި އެންމެ ބުރަ ބޮޑު މަސައްކަތެވެ. ނަމަވެސް ދިވެހިން މިކަމަށް ބޭނުންވެފައިތިބި މިންވަރާއި، މަސައްކަތުގެ ތެރޭގައި އެ ދެއްކި ޖޯޝާއި ފޯރީގެ ނަތީޖާއަކަށްވީ، ކުރު މުއްދަތެއްގެ ތެރޭގައި އެއަރޕޯޓުގެ ރަންވޭއާއެކު ކޮންޓްރޯލް ޓަވަރާއި، ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާ، 1966 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ދިވެހިންގެ ފުރަތަމަ މަދަނީ ވައިގެ ބަނދަރު ހުޅުވިގެންދިޔުމެވެ. މިއާއެކު ދިވެހިންގެ އެއަރޕޯޓް ވެގެންދިޔައީ ރާއްޖޭގެ އިޤްތިޞާދުގެ މައިދޮރާއްޓަށެވެ. މިކަމުގެ ސަބަބުން ރާއްޖެ، ބޭރު ދުނިޔެއަށް ހުޅުވި، 1972 ވަނަ އަހަރު ފަތުރުވެރިކަން ރާއްޖެއަށް ތަޢާރުވެގެންދިޔައެވެ.

ފަތުރުވެރިކަން ފުޅާވެ، އެއަރޕޯޓުން ޚިދުމަތް ހޯދާ މީހުންގެ ނިސްބަތްއިތުރުވުމުން ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ކުރިއަރުވާ ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވަން ނިންމެވިއެވެ. އެކަމުގެ ދިރާސާތަކާއި މަޝްވަރާތައް ކުރެވެމުންއައިސް، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވިތާ 2 އަހަރު ފަހުން ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހުޅުލޭ އެއަރޕޯޓް ހެދުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވިއެވެ. އަދި 1981 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައި "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް"ގެ ނަމުގައި އެއަރޕޯޓް އަލުން ހުޅުވިއެވެ.

އެއަރޕޯޓުގެ މާޒީގެ ތެރެއިން ދެން އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ، 40 ވުރެއް ގިނަ އަހަރު ވަންދެން ދިވެހިންގެ އެއަރޕޯޓް ދިވެހިންގެ އަތުގައި އޮތުމަށްފަހު، ރައީސް ނަޝީދުގެ ސަރުކާރުގައި އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް އިންޑިއާގެ ޖީ.އެމް.އާރ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް 25 އަހަރަށް ޖީ.އެމް.އާރއާއި އޭރުގެ ސަރުކާރުން ހަވާލުކުރައްވާފައިވަނީ 28 ޖޫން 2010 ވަނަ އަހަރެވެ. މީގެ އިތުރުން ހަމަ އެއަހަރުތެރޭ "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު"ގެ ނަން "އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް"އަށް ބަދަލުކުރިއެވެ. އެއަރޕޯޓުގެ ބާނީ ދިވެހިޖުމްހޫރިއްޔާގެ ދެވަނަ ދައުރުގެ ފުރަތަމަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޚޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނުގެ ނަމަށް ނިސްބަތްކޮށް، އެއަރޕޯޓުގެ ނަން ބަދަލުކުރެއްވީ 26 ޖުލައި 2011 ވަނަ އަހަރެވެ.

އެއަރޕޯޓް ހިންގުން ޖީ.އެމް.އާރއާއި ހަވާލުކުރިތާ 2 އަހަރު ފަހުން އެކުންފުންޏާއެކު ސަރުކާރުންވެފައިވާ އެއްބަސްވުމުގައި ހުރި ބައެއް މައްސަލަތަކެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ، އެ އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހެވެ. އެއަށްފަހު އެއަރޕޯޓް ހިންގުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ދަށަށް އަނެއްކާވެސް ބަދަލުވެގެންދިޔައެވެ.

އެއަރޕޯޓަށް 52 އަހަރު ފުރޭއިރު، އާ ނަމާކާއެކު ދިވެހިންގެ އެއަރޕޯޓް އަނެއްކާވެސް މިވަނީ ތަރައްޤީގެ އާ އުސްމިންތަކަކާ ދިމާލަށް މިސްރާބުޖަހާފައެވެ. އެއަރޕޯޓަކީ ދިވެހިން ފަހުރުވެރިވާ ފަދަ ތަނަކަށް ހެދުމަށް 1 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު މިހާރު ދަނީ ކުރިއަށެވެ. މިއަހަރުގެ ނިޔަލަށް މި މަޝްރޫޢުގެ ބޮޑުބައެއް ނިމިގެންދާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވެގެންދާނީ ދެކުނު އޭޝިޔާގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއް އެއަރޕޯޓަށެވެ. މި މަޝްރޫޢާއެކު މިހާރު ބޭނުންކުރަމުންދާ އެއަރޕޯޓަށް 30 އިންސައްތައިގެ ޖާގަ އިތުރުވެ، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވިގެންދާނެއެވެ.