ޚަބަރު

ބަންގްލަދޭޝްގެ ކާމިޔާބީގެ ފަހަތުގައި ރާއްޖެފަދަ ޤައުމުތަކުގެ ހިއްސާ ބޮޑު: ބަންގްލަދޭޝް


ބަންގްލަދޭޝުން ހޯދަމުންދާ ކާމިޔާބީތައް ހާސިލުކުރުމުގައި ރާއްޖެއިން މުހިއްމު ދައުރެއް އަދާކޮށްފައިވާކަމަށް ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބް ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވެފައިވަނީ އެޤައުމު އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ބަދަލުވުމަށް އދ އިން ކަނަޑައަޅައިފަވާ މިންގަނޑުތައް ބަނގުލަދޭޝް އިން ޙާސިލްވުމުން އެކަމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި ވާހަކަފުޅުޅުދައްކަވަމުންނެވެ.

ބަންގްލަދޭޝް ވަކި ޤައުމެއްގެ ގޮތުގައި ކަނޑައަޅާ މިނިވަންކަން ހޯދާފައިވަނީ 9 މަސްދުވަހުގެ ދިގު ހަނގުރާމައަކަށްފަހު 26 މާރިޗު 1971. ބަނގުލަދޭޝް މިނިވަންކަމަށްވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އެ ޤައުމުންވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ބަންގްލަދޭޝުން މިހާރު މިވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ބަދަލުވުމަށް އދ އިން ކަނޑައަޅައިފަވާ މިންގަނޑުތަށް ޙާސިލްކޮށްފައެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީން ވަނީ އެއް ހަފްތާގެ ނިޔަލަށް ހާއްސަ ހަރަކާތްތަކެއް ހިނގާފައެވެ. އެގޮތުން އެ ގައުމުގެ ޤައުމިއްޔަތު ރަމުޒުކޮށްދޭ ހަރަކާތްތަކުގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބަނގުލަދޭޝްގެ ރައްޔިތުންގެ ދޭދޭ ގުޅުން ބަދަހިކުރުމަށްވެސް ހާއްސަ ހަރަކާތްތަކެއްވެސް ވަނީ ހިންގާފައެވެ.

ސޯލްޓް ރެސްޓޯރެންޓްގައި ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބްވަނީ ބަނގްލަދޭޝުން ވޭތުވެ ދިޔަ އަހަރުތަކުގައި ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން ތަފާތު ގިނަ ކާރިސާތަކެއްގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުން އަރައިގަނެ މިއަދު އެ ޤައުމަކީ މުޅި ދެކުނު އޭޝިއާއަށް މިސާލެއްކަމުގައި އެމްބެސެޑަރ އަޚްތަރް ހަބީބް ސިފަކުރެއްވިއެވެ. އަދި މީގެ އިތުރުން ރާއްޖެފަދަ އަވައްޓެރި ޤައުމުތަކުން ބަނގްލަދޭޝްގެ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ.

" އަޅުގަނޑުމެންގެ ޕްރައިމް މިނިސްޓަރ ޝޭޙް ހަސީނާގެ ދުރު ވިސްނުންފުޅާއި އަޅުއްވައިފައިވާ ކާމިޔާބު ފިޔަވަޅުތަކުގެ ސަބަބުން ބަނގްލދޭޝްމިވަނީ މުޅި ދުނިޔެއަށް ނަމޫނާއަކަށް ވެފަ. އެގޮތުން ބަނގްލަދޭޝްއަކީ މުޅި ދުނިޔޭގެ ޖިންސުގެ ހަމަހަމަކަމުގައި އެންމެ ކުރީގައިޗާ ޤައުމު އަދި ސޯލާ ހަކަތަ ގޭގައި ބޭނުންކުރާ އެއް ޤައުމަކީވެސް ބަނގްލަދޭޝް. އަދި 2016 247 ބިލިއަން ޑޮލަރުގެ ޖީޑީޕީއާއއި އެކު ބަނގްލަދޭޝްއަކީ ދެކުނު އޭޝިއާ ސަރައްޙައްދުގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ އިތުރުން ދުނިޔޭގައި ދެވެނައަށް އެންމެ ބަރަށް ކުރިއަރާ ޤައުމުގެ ޝަރަފުހޯދާފަ"- ސަފީރު ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބް ވިދާޅުވިއެވެ.

ބަންގަލަދޭޝްގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ ޒުވާނުކަން ފާހަގަކުރައްވާ އެމްބެސެޑަރ ވަނީ އެ ޤައުމުގެ ކުރިއެރުމުގެ ހަޤީޤީ މޭސްތިރިންނަކީ ޒުވާނުންކަމުގައި ސިފަކުރައްވާފައިއެވެ. ރާއްޖެއާއި ބަނގުލަދޭޝްގެ އެކި ފަންތިގެ ބޭފުޅުން ބައިވެރިވި މި ހަފްލާގައި އެފަރާތްތަކުންވަނީ ބަނގުލަދޭޝުން ހޯދާފައިވާ ކާމިޔާބުތައް ފާހަގަކޮށް އެކަމާއި އުފާކުރާކަމަށް ބުނެފައެވެ.

މި ޙަފްލާ ނިންމާލައިފައިވަނީ ރާއްޖޭގައި ހުންނަ ބަނގްލަދޭޝް އެމްބަސީގެ ދަށުން މަސައްކަތްކުރާ ކަލްޗަރަލް ގްރޫޕްގެ ސަޤާފީ ހަރަކާތްތަކަކުންނެވެ. ބަނގްލަދޭޝުން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވުމަށް އަމާޒުކަނޑައަޅައިފައިވަނީ 2024 ވަނަ އަހަރަށެވެ.