ޚަބަރު

މެލޭޝިޔާގެ އިންތިޚާބު އޮބްޒާވް ކުރުމުގައި ރާއްޖެއިން ބައިވެރިވަނީ


އަންނަ މަހު މެލޭޝިއާގައި ބާއްވާ ޢާންމު އިންތިޚާބުގެ އޮބްޒާވް ކުރުމުގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިއެވެ.

މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ ޢާންމު އިންތިޚާބު އޮންނާނީ އަންނަ މޭ މަހުގެ 9 ވަނަ ދުވަހުއެވެ. މި އިންތިޚާބު އޮބްޒާވް ކުރުމަށް ރާއްޖެއިންދާ ވަފުދުގައި ހިމެނެނީ އިލެކްޝަންސް ކޮމިޝަން ގެ ރައީސް އަޙްމަދު ޝަރީފް އާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަޙްމަދު އަކްރަމްއެވެ. މިބޭފުޅުން މެލޭޝިއާ އަށް ދިއުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 7 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

ރާއްޖޭގެ އިތުރުން މެލޭޝިިޔާގެ އިންތިޚާބު އޮބްޒާވު ކުރުމުގެ ދަޢުވަތު އިތުރު 13 ޤައުމަކަށް ދީފައިވާކަމަށާއި މިހާތަނަށް 7 ޤައުމަކުން ދައުވަތު ޤަބޫލުކޮށްފައިވާ ކަމަށް މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަން އިން ބުނެއެވެ. މި ޤައުމުތަކުގެ ތެރޭގައި އިންޑޮނީޝިއާއި ތައިލޭންޑާއި އަޒަރުބައިޖާން ފަދަ ޤައުމުތައް ހިމެނެއެވެ. މިއީ މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 14 ވަނަ ޢާންމު އަންތިޚާބު އެވެ. 14.9 މިލިއަން މީހުން މި އިންތިޚާބުގައި ވޯޓުލާނެކަމަށް ބެލެވެއެވެ.