ޚަބަރު

އުރުދުން އާއި ސޫދާންގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވަނީ


އުރުދުންއާ ސޫދާންގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިެއްޖެއެވެ.

މިދެ ޤައުމުގައި ބާއްވާ މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވާނީ އަންނަ އަހަރުން ފެށިގެންނެވެ. ރާއްޖެއަށް ލިބެމުންދާ މިފަދަ ފުރުޞަތުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އިތުރު ދެޤައުމެއްގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ބައިވެރިކުރާނެ ކަމުގެ ޔަޤީންކަން އެޤައުމުތަކުން ދީފައިވާ ކަމަށެވެ.

"
މިއަންނަ އަހަރުން ފެށިގެން އިރާދަކުރެއްވިޔާ ބައެއް ޤައުމުތަކުން އަޅުގަނޑުމެންނަށް ވަނީ ޔަޤީންކަން ދެއްވާފަ. އެޤައުމުތަކުން އަޅުގަނޑުމެންނަށް އެފުރުޞަތުދެއްވާފަ. އޭގެތެރޭގައި ޖޯޑަން އަދި ސޫދާން ހިމެނޭ. މިއީ ހަޤީގަތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ލިބިގެންދާ އަދި އެމަނިކުފާނުގެ ފޮރިންގ ޕޮލިސީ އާއި ދީނީ ވިސްނުން ހާމަވެގެންދާ ބޮޑު ފުރުސަތެއް
މިނިސްޓަރ ޒިޔާދު

"މިއަންނަ އަހަރުން ފެށިގެން އިރާދަކުރެއްވިޔާ ބައެއް ޤައުމުތަކުން އަޅުގަނޑުމެންނަށް ވަނީ ޔަޤީންކަން ދެއްވާފަ. އެޤައުމުތަކުން އަޅުގަނޑުމެންނަށް އެފުރުޞަތުދެއްވާފަ. އޭގެތެރޭގައި ޖޯޑަން އަދި ސޫދާން ހިމެނޭ. މިއީ ހަޤީގަތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ލިބިގެންދާ އަދި އެމަނިކުފާނުގެ ފޮރިންގ ޕޮލިސީ އާއި ދީނީ ވިސްނުން ހާމަވެގެންދާ ބޮޑު ފުރުސަތެއް" މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

މިއީ އުރުދުންނާއި ސޫދާންގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާރިޖީ ސިޔާސަތުގެ ދަށުން ރާއްޖެއިން އަންނަނީ އަރަބި އިސްލާމީ ޤައުމުތަކާއެކު ގާތްގުޅުމެއް ޤާއިމްކޮށް އެޤައުމުތަކާއި ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޤައުމުތަކާއި ގުޅިގެން އިސްލާމްދީން ތަމްސީލް ކުރުމަށް ކުރެވުނު މަސައްކަތުން، އެ ޤައުމުތަކުގައި ބާއްވާ މަހާސިންތާތަކާއި ބައްދަލުވުންތަކުގެ އިތުރުން ބައިނަލްޢަޤްވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ރާއްޖޭގެ ދީނީ ވިސްނުން އަރަބި އިސްލާމީ ޤައުމުތަކަށް ހާމަކޮށްދެމުންނެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ރިޔާސީ މިދައުރުގެ ތެރޭގައި ދިވެހިރާއްޖޭގައި އިސްލާމީ އުޞޫލުތަކާއި ހަމަތަކުގެ އިތުރުން އިސްލާމީ ޝަޙްސިއްޔަތު ދެމެހެއްޓުމަށް ސަރުކާރުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިސްލާމީ ތަޢުލީމު އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އިސްލާމީ ޔުނިވަރސިޓީ އުފެއްދެވުމާއި އިސްލާމްދީނުގެ މަޢުލޫމާތު ފެތުރުމާއި އެމަޢުލޫމާތު އާންމުންނަށް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް ދީނުގެ އަޑުގެ ނަމުގައި ރޭޑިއޯ ޗެނަލެއް އުފެއްދުމާއި މުންނާރު ޓީވީގެ ނަމުގައި ޓީވީ ޗެނަލެއް އުފައްދައި އަންނަނީ ޚިދުމަތް ދެމުންނެވެ.