ޚަބަރު

ރާއްޖޭގެ ތަރިކަ ބެލެހެއްޓުމަށް ހެރިޓޭޖުން ދަފްތަރެއް އެކުލަވާލަނީ


ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރިކަ ބެލެހެއްޓުމަށް ތަރިކައިގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ބުނެފިއެވެ.
ރާއްޖޭގެ ތާރީޚީ ތަރިކަތައް ޙިމާޔަތްކޮށް އެ ފަދަ ތަންތަނާއި ބެހޭ މަޢުލޫމާތުތައް އެއްކޮށް ދިރާސާކުރުމަށް އިނގިރޭސިވިލާތުގެ ދަ އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްއާ ޑިޕާޓްމެންޓް އޮފް ހެރިޓޭޖާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، "މޯލްޑިވްސް ހެރިޓޭޖް ސާވޭ"ގެ ނަމުގައި ރާއްޖޭގެ އާސާރީ ތަރިކައިގެ ދަފްތަރެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އޮކްސްފޯޑް ޔުނިވަރސިޓީއާއެކު ސޮއިކުރި އެއްބަސްވުމާއެކު މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"
"ރާއްޖޭގެ ސަޤާފީ ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަށް ކުރާ އެންމެ ބޮޑު އަދި އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އާސާރީ ތަންތަނާއި ތަކެއްޗާއި ކަންކަމާމެދު ހޭލުންތެރިކަން އުފެއްދުމާއެކު، މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުން"
ޑރ.އައިޝަތު ޝިހާމް

މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއިން ނެތި ހިނގައިދާނެކަމުގެކަމުގެ ބިރު ހީވެފައިވާ އާސާރީ ތަރިކަތައް ލިޔެ ފޮތްތަކުގެ ސިފައިގައި އެކުލަވާލައި، މުޅި ދުނިޔެއަށް ފަސޭހައިން ފެންނާނެ ގޮތަށް "އޯޕަން އެކްސެސް އޮންލައިން ހެރިޓޭޖް ޑޭޓާބޭސް" އެއް ތައްޔާރު ކުރުމެވެ.
ކޮންމެ އަހަރެއްގައިވެސް ފާހަގަކުރާ ދުނިޔޭގެ ތަރިކަ ދުވަހަކީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހެވެ.