ދުނިޔެ

ކެމިކަލް ޙަމަލާ ތަޙުޤީޤުކުރަން ކަމާބެހޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއަށް އެއްބާރުލުން ދޭނަން- ސޫރިޔާ


ސޫރިޔާގެ އިރުމަތީ ޣޫތާގެ ދޫމާ ސަރަހައްދަށް ދިންކަމަށް ތުހުމަތުކުރެވޭ ކެމިކަލް ގޭހުގެ ހަމަލާ ދިނީ ކޮން ފަރާތެއްކަން ދެނެގަތުމަށްޓަކައި މިނިވަން ތަހްގީގެއް ހިންގުމަށް، ކެމިކަލް ހަތިޔާރު މަނާކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއަށް ސޫރިޔާއިން ގޮވާލައިފިއެވެ.

"އޯގަނައިޒޭޝަން ފޯރ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް"ގެ ބެލުމުގެ ދަށުން، ދޫމާގެ ކެމިކަލް ޙަމަލާގެ މައްސަލަ ތަޙުޤީޤުކުރުމަށް ސޫރިޔާ ސަރުކާރުން އެއްބާރުލުން ދޭނެކަމަށް، ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. އެއީ އެކަން ތަޙުޤީޤުކުރުމަށް އެންމެ ލާއިގު ފަރާތްކަމަށްވެސް ސޫރިޔާ ސަރުކާރުން ބުނެއެވެ.

އެމެރިކާއިން ވަނީ، ދޫމާއަށް ދިން ކެމިކަލް ގޭހުގެ ހަމަލާ ތަޙުޤީޤު ކުރުމެއް ނެތި، ސޫރިޔާ ސަރުކާރުގެ ބޮލުގައި އެކަމުގެ އިލްޒާމު އަޅުވައި، އެ ޙަމަލާތަކާ ގުޅިގެން ސޫރިޔާއަށް ހަމަލާދޭނެކަމުގެ އިންޒާރުދީފައެވެ. ރަޝިޔާއިން ވަނީ ދޫމާއަށް ކެމިކަލް ހަމަލާއެއް ދިންކަމުގެ ހެއްކެއް ފެންނަން ނެތްކަމަށާއި އެކަމުގެ ޒިންމާ ސޫރިޔާ ސަރުކާރުގެ ބޮލުގައި އެޅުވުމަކީ ސިޔާސީ ކަމެއްކަމަށް ސިފަކޮށްފައެވެ.

އެމެރިކާ އާއި އެމެރިކާއަށް ތާއީދުކުރާ ފަރާތްތަކުން މަސައްކަތްކުރަނީ މިމައްސަލާގައި އދގެ ސަލާމަތީ މަޖިލީހުން ސޫރިޔާ ކުށްވެރިކޮށް ޤަރާރެއް ފާސްކުރުމަށެވެ. ނަމަވެސް އެފަދަ ޤަރާރެއް ފާސްކުރުމުގެ ފުރުޞަތު ރަޝިޔާއިން ނުދޭނެކަމަށް އދ.ގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެއެވެ.