ދުނިޔެ

ޗައިނާގެ އިޤްތިޞާދު މިހާރަށްވުރެ ބޮޑަށް ހުޅުވާލާނަން- ޗައިނާގެ ރައީސް


ދުނިޔެއަށް ޗައިނާގެ އިޤްތިސާދު މިހާރަށް ވުރެއް ބޮޑަށް ހުޅުވާލުމަށް ނިންމައި ޗައިނާއަށް އެތެރެކުރާ ބައެއް މުދަލުގެ ޓެރިފް ކުޑަކުރަން ނިންމާފައިވާކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ. ޗައިނާގެ ރައީސް މިކަން އިޢުލާންކުރެއްވީ މިހާރު ޗައިނާގެ ހައިނާން ޕްރޮވިންސްގައި ކުރިއަށްދާ ބޮއާއޯ ފޯރަމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އޭޝިއާ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މަޤްޞަދުގައި ބާއްވާ މި ބައްދަލުވުން އިފްތިތާޙުކޮށްފައިވަނީ ޗައިނާގެ ހައިނާން ޕްރޮވިންސްގެ ބޮއާއޯ ޓައުންގައެވެ. މިއަހަރުގެ ފޯރަމް ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އޮސްޓްރޭލިއާ، މޮންގޯލިއާ، ޕާކިސްތާން، ފިލިޕީންސް އަދި ސިންގަޕޫރުގެ އިސް ވެރިން ބައިވެރިވެވަޑައިގެން، އެ ރަސްމިއްޔާތުގައި ތަޤުރީރުކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންގޕިންގ ވަނީ، ޗައިނާގެ އިޤްޞާދު ކުރިއެރުވުމަށް ރާވާފައިވާ ކަންތައްތައް ހިއްސާކުރައްވާފައެވެ. އެ ގޮތުން އެހެން ޤައުމުތަކުން ޗައިނާއަށް އެތެރެކުރާ މުދާ އިތުރުކޮށް، މިހާރަށް ވުރެ ބޮޑަށް ޗައިނާގެ އިޤްތިޞާދު ދުނިޔެއަށް ހުޅުވާލާނެ ކަމަށް ރައީސް ޝީ ވިދާޅުވިއެވެ. އަދި ޗައިނާއަށް އެތެރެކުރާ އެއްގަމު އުޅަނދުން ނަގާ ޓެރިފްގެ އިތުރުން އެހެނިހެން ބައެއް ބާވަތްތަކުންވެސް ޓެރިފް ކުޑަ ކުރާނެކަމަށް ރައީސް ޝީ ވިދާޅުވިއެވެ.

މި އަހަރުގެ ނޮވެމްބަރު މަހު ޗައިނާއިން އެ ޤައުމުގެ ޝަންގްހާއީގައި ބާއްވާ "ޗައިނާ އިންޓަރނޭޝަނަލް އިމްޕޯޓް އެކްސްޕޯޓު އެކްސްޕޯ"އާ ގުޅޭގޮތުންވެސް ރައީސް ޝީ ޖިންގްޕިންގްވަނީ ވާހަކަދައްކަވާފައެވެ.

މި އަހަރުގެ ބުއާއޯ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފް.ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓިން ލެގާދް އަދި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓޭރޭޝް ތަޤުރީރުކުރެއްވިއެވެ. މި އަހަރުގެ ފޯރަމްގައި ވަނީ، ބޮއާއޯ ފޯރަމް ފޮރ އޭޝިއާގެ ޗެއާމަންގެ މަޤާމަށް، އ.ދ.ގެ ކުރީގެ ސެކެޓްރީ ޖެނެރަލް ބަން ކީ މޫން އައްޔަންކޮށްފައެވެ.