އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހު މެލޭޝިޔާގައި ޢާއްމު އިންތިޚާބު ބާއްވަން ހަމަޖެހިފައިވާކަން އެ ޤައުމުގެ އިންތިޚާބާ ބެހޭ އިދާރާއިން އިޢުލާންކޮށްފިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން މެލޭޝިޔާގެ އިންތިޚާބާ ބެހޭ އިދާރާގެ އިސްވެރިޔާ މުޙައްމަދު ޙާޝިމް ޢަބްދުﷲ ވިދާޅުވީ، ހުކުރު ދުވަހު މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބް ޢަބްދުއްރައްޒާޤް ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީސް އުވާލައްވާފައިކަމަށާއި، މަޖިލީހުގެ ގޮނޑިތައް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް، މެލޭޝިޔާގެ އިންތިޚާބާ ބެހޭ ޤާނޫނު އިރުޝާދުދޭކަމަށެވެ. އެހެންކަމުން އަންނަ މޭ މަހުގެ 9 ވަނަ ދުވަހު އިންތިޚާބު ބާއްވާ ގޮތަށް މެލޭޝިޔާގެ އިންތިޚާބާ ބެހޭ އިދާރާއިން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާއްމު އިންތިޚާބުގައި ވާދަކުރައްވާ ކެނޑީޑޭޓުން ނަން ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިންތިޚާބާ ބެހޭ އިދާރާއިން ބުންޏެވެ.
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ނަޖީބްގެ ބަރިސަން ނޭޝަނަލް، ބީ.އެން.ގެ އިއްތިހާދަށް އިންތިޚާބު ކާމިޔާބުކުރެއްވުމަށް އުނދަގޫވާނެކަމަށް މުރާސިލުން ބުނެއެވެ. ކުރިއަށް އޮތް އިންތިޚާބުގައި ނަޖީބްގެ އިއްތިހާދާ އެންމެ ގާތުން ވާދަ ކުރައްވާނީ މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު މަހާތިރް މުޙައްމަދުގެ އިދިކޮޅު އިއްތިހާދުންނެވެ.
މެލޭޝިޔާގައި 22 އަހަރު ވެރިކަން ކުރެއްވި އުމުރުން 92 އަހަރުގެ މަހާތިރް ފަހަކަށް އައިސްވަނީ ބޮޑު ވަޒީރު ނަޖީބާއި އޭނާގެ ސަރުކާރަށް ހަރުކަށި ފާޑުކިއުންތައް އަމާޒުކުރައްވާފައެވެ. ޚާއްޞަ ގޮތެއްގައި 2015 ވަނަ އަހަރު މެލޭޝިޔާގެ ދައުލަތުން ހިންގި ވަން މެލޭޝިޔާ ޑިވެލޮޕްމަންޓް ބްރަހާދް ފަންޑްގެ ފައިސާ ބޭނުންކުރުމުގައި ކޮރަޕްޝަނުގެ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ފެންމަތިވި ތުހުމަތުތަކާ ގުޅިގެން މަހާތީރް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ފަންޑްގެ ތެރެއިން ބޮޑު ވަޒީރު ނަޖީބްގެ އަމިއްލަ ބޭންކް އެކައުންޓަށް އެކަނިވެސް 681 މިލިއަން ޑޮލަރު ވަދެފައިވާކަމަށް ތުހުމަތުކުރެވެއެވެ.