ޚަބަރު

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ


މިއަހަރުގެ ޤައުމީ އިނާމަށް ނަންހުށައެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ.
ޤައުމީ އިނާމަށް ނަން ހުށައަޅާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ފޯމުތައް ރައީސް އޮފީހަށް ހުށައެޅަންޖެހެއެވެ.

މިއަހަރުވެސް ސަރުކާރާއި އަމިއްލަ މުވައްސަސާތަކަށް ވަނީ ޤައުމީ އިނާމަށް ނަންހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި އެހެން ފަރާތެއްގެ ނަން ހުށައަޅަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ މުވައްސަސާތައް މެދުވެރިނުކޮށްވެސް އެކަން ކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. ރާއްޖޭގައި ތިބި އެކި ފަންނުގެ މީހުންނަށް އަމާޒުކޮށްގެން އިނާމުދޭ އެކި ދާއިރާތައް ކަނޑައަޅާފައިވާއިރު ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނާ މިދެދާއިރާއިން އިނާމު ދޭނެ ވަކި ރޮނގުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

މަދުވެގެން 5 އަހަރު ވަކި ރޮނގަކުން ޚިދުމަތްކޮށްފައިވާ އަންހެނުންނާއި ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް މިދާއިރާއިން ވާދަކުރެވޭނެއެވެ. ޤައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށައެޅުމުގެ ފުރުޞަތު މިމަހުގެ ތެރޭގައި ހުޅުވާލާނެކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

މިއަހަރުގެ ޤައުމީ އިނާމާއި ޚާއްސަ އިނާމް ދިނުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޖަލްސާގައެވެ.