ދުނިޔެ

ދޫމާއަށް ދިން ހަމަލާގެ ރައްދުގައި ހަރުކަށި ފިޔަވަޅެއް އެޅުމަށް އެމެރިކާއިން ނިންމައިފި


ސޫރިޔާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް އެންމެ ފަހުން ދިންކަމަށް ތުހުމަތުކުރެވޭ ކެމިކަލް ހަމަލާގެ ރައްދުގައި އަވަސް އަދި ވަރުގަދަ ފިޔަވަޅުތައް އަޅާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވޮޝިންޓަންގައި އެމެރިކާގެ އަސްކަރިއްޔާގެ ވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސޫރިޔާގައި އެ ޤައުމުގެ އަސްކަރިއްޔާއިން އެންމެ ފަހުން ދިންކަމަށް ތުހުމަތުކުރެވޭ ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން އަޅާނެ ފިޔަވަޅެއް، ދާދި އަވަހަށް އިއުލާނުކުރައްވާނެ ކަމަށެވެ. އެމެރިކާއިން އަޅާނީ ހަރުކަށި ފިޔަވަޅެއްކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ، ސޫރިޔާގައި އަސްކަރީ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމުގެ އިޚުތިޔާރު އެމެރިކާއަށް ލިބިގެންވާކަމަށެވެ. އަދި ސޫރިޔާގައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހިންގާނޭ ފުރުޞަތު ބައިނަލްއަޤުވާމީ މުޖުތަމަޢުން ދީގެން ނުވާނެކަމަށާއި، އެމެރިކާއިން އެފަދަ ޢަމަލުތައް ހިންގާނެ ފުރުޞަތު ސޫރިޔާއަށް ނުދޭނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ، ހޮނިހިރު ދުވަހު ދޫމާއަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ކޮން ފަރާތެއްކަން އެމެރިކާއަށް ސާފުވަމުންދާކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ މި ހަމަލާގެ ރައްދުގައި އެމެރިކާއިން އަޅާ ފިޔަވަޅަކީ އެހެނިހެން ޤައުމުތަކާއެކު އެއްބަސްވެ، އެކި ޤައުމުތަކުން ގުޅިގެން އަޅާ ފިޔަވަޅަކަށް ވުން އެކަށީގެންވާކަމަށް، އެމެރިކާގެ އޮފިޝަލުން ބުނެފައިވެއެވެ. ސޫރިޔާގައި އެ ހަމަލާ ދިންތާ 24 ގަޑިއިރުގެ ތެރޭގައި އެތައް ފަހަރެއްގެ މަތީން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފަރަންސޭސި ރައީސް އެމެނުއަލް މެކްރޯން ވަނީ ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކާ ބެހޭ ގޮތުން ފަރަންސޭސި ރިޔާސީ އިދާޜާއިން ބުނެފައިވަނީ، ސޫރިޔާގެ ހަމަލާތަކަށް ފަހު ބައިނަލްއަޤްވާމީ ދުނިޔެއިން ވަރުގަދަ ރައްދެއް ދޭން ޖެހޭނެކަމަށް މެކްރޯނާއި ޓްރަމްޕް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

ސޫރިޔާގައި ހޮނިހިރު ދުވަހު ދިން ކަމަށް ބުނާ ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސޫރިޔާއަށް އެއްވެސް ހަމަލާއެއް ދީފިނަމަ، އެ ކަމުގެ ނަތީޖާ ހިތިވާނެކަމަށް ސޫރިޔާގެ ސަރުކާރަށް ވާގިވެރިވެދޭ ރަޝިޔާއިން ހޯމަ ދުވަހު ބުންޏެވެ.