ޓުއަރިޒަމް

"ޝޮޕް އެންޑް ވިން ޔުއަރ ނެކްސްޓް ހޮލިޑޭ ޓު މޯލްޑިވްސް"ގެ ނަސީބުވެރިން ހޮވައިފި


"ޝޮޕް އެންޑް ވިން ޔުއަރ ނެކްސްޓް ހޮލިޑޭ ޓު މޯލްޑިވްސް"ގެ ނަމުގައި މޯލްޑިވްސް އެއަރ ޕޯރޓްސް ކޮމްޕެނީ އިން ހިންގި ޕްރޮމޯޝަންގެ ނަޞީބުވެރި ފަރާތް ގުރުއަތުން ހޮވައިފިއެވެ.
މި ޕްރޮމޯޝަނަކީ އެމް.އޭ.ސީ.އެލް އާއި ޓަރކިޝް އެއަރލައިންސްގެ އިތުރުން ޖުމެއިރާ ވެއްޓަވެލި ރިސޯޓުން ބައިވެރިވެގެން ހިންގި ޕްރޮމޯޝަނެކެވެ.

"ޝޮޕް އެންޑް ވިން ޔުއަރ ނެކްސްޓް ހޮލިޑޭ" ގެ ނަމުގައި ފަތުރުވެރިންނަށް ޙާއްޞަކޮށްގެން ހިންގި މި ޕްރޮމޯޝަނަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ މާރޗް 31 ވަނަ ދުވަހުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީއިންނާއި ދޮވެމި ފިހާރައިން ވިޔަފާރިކުރި ފަރާތްތަކުގެ ތެރެއިން ސަތޭކަ ޑޮލަރަށްވުރެ ގިނައިން ވިޔަފާރިކޮށްފައިވާ ފަރާތްތަކެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވުނު ފަރާތަށް ޓާރކިޝް އެއަރ ލައިންސްއިން ރާއްޖެއަށް ހިލޭ އައުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ޖުމެއިރާ ވެއްޓަވެލި ރިޒޯޓުގައި 5 ދުވަހާއި 4 ރޭ މުޅިން ހިލޭ ހޭދަކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ހަފްލާގައި ޓާރކިޝް އެއަރލައިންސްގެ އެކްޓިންގް ޖެނެރަލް މެނޭޖަރ ފަހީމް ބަކޯވާ ވަނީ ގުރުއަތުން ހޮވުނު ފަރާތަށްދޭ ރިޓަރން ޓިކެޓު ރަމްޒީގޮތުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގް ޑިރެކްޓަރާ ހަވާލުކޮށްފައެވެ. އަދި ޖުމައިރާ ވިއްޓަވެލި ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަމިތް މަޖުމްދަރުވެސް ވަނީ ގުރުއަތުން ހޮވޭ ފަރާތަށް ދޭ ގިފްޓް ވައުޗަރު އެމް.އޭ.ސީ.އެލް ގެ މެނޭޖިންގް ޑިރެކްޓަރާއި ހަވާލުކޮށްފައެވެ.

"ޝޮޕް އެންޑް ވިން ޔޯރ ނެކްސްޓް ހޮލިޑޭ ޓު މޯލްޑިވްސް" ޕްރޮމޯޝަނަކީ މިދިޔަ އަހަރު ފަތުރުވެރިންގެ މެދުގައި ރާއްޖެއާމެދު އޮތް މަޤްބޫލުކަން އިތުރުކުރުމަށްޓަކައި ހިންގި ގިނަ ޕްރޮމޯޝަންތަކުގެ ތެރެއިން އެންމެ ފަހު ޕްރޮމޯޝަނެވެ. ރާއްޖެއަށް ވޭތުވެދިޔަ މާރޗްމަހު އިޓަލީވިލާތުން އެކަނިވެސް ޒިޔާރަތްކުރި ފަތުރުވެތިންގެ އަދަދު ވަނީ 21.2 ޕަސެންޓު އިތުރުވެފައެވެ. އެމް.އޭ.ސީ.އެލް އިން މަޢުލޫމާތުދެއްވާ ގޮތުގައި މިފަދަ ގިނަ ޕްރޮމޯޝަނަލް އިވެންޓްތަކެއް ކުރިއަށް އޮތްތަނުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.