ޚަބަރު

ގެސްޓްހައުސް އެވޯޑަށް ނަންހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) އިން މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ގެސްޓްހައުސް އެޑިޝަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެމުންދާ އެންމެ ޝަރަފްވެރި އެވޯޑެވެ. މަޓާޓޯއިން ބުނީ މަދުވެގެން 1 އަހަރުދުވަސް ވެފައިވާ ކޮންމެ ގެސްޓްހައުސްއަކަށްވެސް މިއަހަރުގެ ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މޭ މަހުގެ 15 ގެ ނިޔަލަށް އެ އެސޯސިއޭޝަނުން ވަނީ ހުޅުވާލާފައެވެ.
މިއަހަރުގެ ގެސްޓްހައުސް އެޑިޝަންގައި ތަފާތު 12 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ ލީޑިންގ ގެސްޓަހައުސް، ލީޑިންގ ފުޑް އެންޑް ބެވަރޭޖް ގެސްޓަހައުސް، ލީޑިންގ ގެސްޓްހައުސް ޑައިވިންގ އެންޑް ވޯޓަރ ސްޕޯރޓްސް، ލީޑިންގ އެކޯ ފުރެންޑްލީ ގެސްޓްހައުސްއެވެ.

މީގެއިތުރުން ލީޑިންގ ބިޒްނަސް ގެސްޓްހައުސްއާއި، ލީޑިންގ ހެރިޓޭޖް ގެސްޓްހައުސްއާއި، ލީޑިންގ އެޑްވެންޗާރ ގެސްޓްހައުސް ހިމެނެއެވެ. އަދި މޮސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓާއި، ލީޑިންގ ގެސްޓްހައުސް ބްރޭންއާއި، ލީޑިންގ ޓްރާންސްޕޯޓް ސަރވިސް ޕްރޮވައިޑަރ އަދި ލީޑިންގ ގެސްޓްހައުސް އައިލެންޑްގެ އިތުރުން ލީޑިންގ ބީޗް އައިލެންޑަށްވެސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިއަހަރުގެ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގައި ގެސްޓަހައުސް ދާއިރާ ތަރައްޤީކުރަން މަސައްކަތްކުރާ ފަރާތްތަކަށްށާއި، މިދާއިރާއަށް އަލަށް އައި ގެސްޓްހައުސް ތަކުގެ އިތުރުން އެންމެ ސަޕޯރޓިވް ގެސްޓްހައުސްއަށް އެވޯޑްދޭނެއެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޓްރިޕް އެޑްވައިޒަރއިން މާކްސްދިނުމަށްފަހު ކޮންމެ ކެޓަގަރީއަކުން 5 ގެސްޓްހައުސްއެއް ހޮވާނެކަމަށް މަޓާޓޯއިން މައުލޫމާތުދެއެވެ. 40 އިންސައްތަ މާކްސް ޓްރިޕް އެޑްވައިޒަރ އިން ދޭއިރު 60 އިންސައްތަ މާކްސްއަކީ ވޯޓުދީގެން ލިބޭ މާކްސްއެވެ. ޖޫން މަހުން ފެށިގެން 2 މަސްދުވަސް ވަންދެން ވޯޓްލުމުގެ ފުރުސަތު ހުޅުވާލާނެކަމަށް މަޓާޓޯއިން ބުނެއެވެ. މިއަހަރުގެ މޯލްޑިވްސް ގެސްޓަހައުސް އެޑިޝަން އޮންނާނީ އޮގަސްޓް މަހުގެތެރޭގައި ހުޅުމާލޭގައެވެ.