ޚަބަރު

ޤާނޫނީ ވަކީލުކަމުގެ ހުއްދަ 173 ފަރާތަކަށްދީފި


ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ 173 ފަރާތަކަށް ދީފިއެވެ.

ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކަށް ޤާނޫނީ ވަކީލުކަމުގެ ހުވައި ލައިދެއްވައި، ވަކާލާތުގެ ކުރުމުގެ ހުއްދަ ދިނުން އޮތީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި 173 ވަކީލުންނަށް، ޤާނޫނީ ވަކީލުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ. އަދި ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދެއްވި ކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދައުލަތުގެ ބަންޑާރަނާއިބާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ދައުލަތުގެ ބަންޑާރަނައިބު އޮފީހުގެ ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.