ޚަބަރު

ސޫރިޔާގެ ދޫމާގެ 30 ހާސް މީހުންނަށް އެއްއިރުގެ ކެއުން ދިވެހިންގެ ފަރާތުން - އުފާވެރި މަންޒަރެއް


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާލިބި ހާލުގައި ޖެހެމުންދާ މުސްލިމުންނަށް ވެވުނު މިންވަރަކުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ދިވެހިން ޒަމާނުއްސުރެ ލޯބިކުރާކަމެކެވެ. މިއާއެކު ދިވެހިންގެ ފަރާތުން ފޯރުކޮށްދޭ އެހީތައް ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ލިބޭތަން ފެނުމަކީ އަދި މާއުފާވެރި މަންޒަރެކެވެ.

މެދުއިރުމަތީގެ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި، ހަމަނުޖެހުންތަކުގައި ކުށެއްނެތް އެތައް މުސްލިމުންނެއް މަރުވެ، އެތައް ބަޔަކު ހާލުގައިޖެހި، ވަންނާނެ ގެދޮރެއްނެތި ބަނޑުހައި ހޫނުކަން ދުވަސްތައް ގުނަމުންދާ މީހުންގެ އަދަދު މިލިޔަނުން ގުނާލެވެއެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އެހާމެގިނައެވެ.

ސޫރިއާގެ ދިމިޝްޤުގެ އިރުމަތީ ޣޫތާއާއި، އެޤައުމުގެ އަސްކަރިއްޔާއާއިން ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ އެތައްބަޔަކުވަނީ ހާލުގައި ޖެހިފައިެވެ. ހަނގުރާމައިގައި ލިބޭ އަނިޔާތަކަށް ކެތްނުކުރެވިގެން އެކިތަންތަނަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާމީހުންނާއި، ހަމަލާތަކުން ސަލާމަތްވުމަށް ބިންގަރާސް ތަކުގައި ފިލައިގެން އުޅޭ މީހުންގެ އަދަދުވެސް އެހާމެ ގިނައެވެ.

ޣޫތާގެ މީހުންނަށް އެހީވުމަށް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއްކަމުގައިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ވަނީ މިދިޔަ ފެބްރުއަރީ ފަންސަވީހުން މާޗް 11 އާއި ހަމައަށް އިމަރޖެންސީ ރިލީފް ފަނޑެއް ހުޅުވާ ފައިސާއެއް ކުރުމުގެ މަސައްކަތްކޮށްފައެވެ. ސޫރިޔާގެ ނިކަމެތި ރައްޔިތުންގެ ހާލު، ޚަބަރުތަކާއި، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ފެންނަމުން ދިއުމާއެކު، ނިކަމެތި މުސްލިމުންގެ ހާލާއި މެދު ކަރުނަ އަޅާމީހުން ދިވެހިންގެ ތެރޭގައި ވަރަށްވެސް ގިނައެވެ. މިކަމުގެ ހެއްކަކީ ފަނޑު ފޮށި ހުޅުވާލުމާއެކު އެމީހަކަށް ވެވުނު ވަރަކުން އެ ފޮއްޓަށް ފައިސާ ހަދިޔާކުރުމަށް ދިވެހިން ކުރި މަސައްކަތެވެ. ރާއްޖޭގެ އާބާދީކުޑަ ރަށްރަށުގައި ރައްޔިތުން ނުކެމެ ބުރަ މަސައްކަތްކޮށްގެން ލާރި އެއްކުރިއެވެ.

މީގެ ތެރޭގައި، މަސައްކަތު ދުވަސް ފާހަގަކުރުމާއި، ޖަމްބަލު ސޭލް ބޭއްވުމާއި، މަހަށް ދިއުމާއި، ބޯވަ ނެގުމާއި، ހެދިކާ ވިއްކުންފަދަ ކިތަންމެ ހަރަކާތެއް ހިމެނެއެވެ. އަނިޔާ ލިބެމުންދާ މުސްލިމުންގެ ނިސްބަތުން ކިތަންމެ މަދު އަދަދެއްނަމަވެސް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ވަނީ އެއްމިލިޔަން ތިންސަތޭކަ އަށްޑިހަ ދެހާހަށްވުރެ ގިނަ ރުފިޔާ ޖަމާކޮށް ސޫރިޔާގެ ޣޫތާގެ މީހުންނަށް އެހީވެދިނުމަށް ފޮނުވާފައެވެ.

މި އެހީ ހާލުގައި ޖެހިފައިވާ މުސްލިމުނަށް ފޯރުކޮށްދެނީ ތުރުކީގައި ސޫރިޔާ މީހުންނަށް އެހީތެރިވެދޭ މައި ޖަމިއްޔާކަމުގައިވާ އީ.ހާ.ހާއާ ހަވާލުކޮށްގެންނެވެ. މިމަހުގެ ދެވަނަ ދުވަހު މި ފައިސާ ޖަމާކޮށްފައިވާއިރު، އީ.ހާ.ހާގެ ފޭސްބްކް ޕޭޖުގައި މިހާރު ދައުރުމަމުންދާ ފޮޓޯތަކުން މިފެންނަނީ ވަރަށްވެސް އުފާވެރި މަންޒަރުތަކެކެވެ.

ޣޫތާގެ ކުޑަކުދިންތަކަކަށް އަޅުގަނޑުމެންގެ ކުޑަކުޑަ ރަށްތަކުން ކުރި މަސައްކަތުން ތުއްތު ތުއްތު ކުދިންތަކަކަށް ކާއެތިކޮޅެއް ދިއްކޮއްލާ މަންޒަރުތަކެވެ. މިމަންޒަރު ފެނުމުން ލޮލުން ކަރުނަ ނުހިލޭތޯއެވެ. ހަނގުރާމައިގެ ހަމަލާތަކުން ސަލާމަތްވުމަށް ބިންގަރާސްތަކަކަށް ވަދެ ތިބި ޣޫތާގެ މިތުއްތު ކުދިންގެ އިތުރުންވެސް އެތައް ބަޔަކު ބަޑުހައި ހޫނުކަމުގައި ސޫރިޔާގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅުން ވޭތުކުރަމުންދެއެވެ. އަޅުގަނޑުމެން މުސްލިމުން މިފަދަ ނިކަމެތި އަޚުންނާއި އުޚުތުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މުހިންމުކަން މިކަމުންވެސް ހާމަވެގެންދެއެވެ. ކިތަންމެ ކުޑަ ނަމަވެސް އެހީއަކުން މިފަދަ އެތައް ކުއްޖަކަށް އަޅުގަނޑުމެންނަށް އެހީތެރިވެވިދާނެކަން ޔަގީންނެވެ.

ރާއްޖެއަކީ ނިސްބަތުން ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް މުސްލިމު ބަޔަކު އެމީހުންނާއެކު ތިބިކަމުގެ އިޙްސާސް އެ ނިކަމެތި ރައްޔިތުންނަށްވެސް ކުރެވޭނެއެވެ. އަދި އެހީފޯރުކޮށްދިނުމުގައި އެންމެ އެކަތިގަނޑަކަށްވެ، އެހީފޯރުކޮށްދިނުމުގައި ލާމަސީލު ނަމޫނާއެއް ދައްކަމުން އަންނަބައެކެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ތުރުކީއަށް މިދިޔަ 2017 ވަނަ އަހަރު ކުރި ދަތުރެއްގައި އެޤައުގެ އެހީދޭ މައި ޖަމާއަތްކަމުގައިވާ އީ.ހާ.ހާގެ އިސް ވެރިޔަކު ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ބުނީ، ދިވެހިންނަކީ މުސްލިމުންގެ ހައްޤުގައި އަޑު އުފުލާ، ވަރަށް ދީލަތި ހިތްވަރުގަދަ ބައެއްކަމަށެވެ. އަދި މުސްލިމުންގެ ޙައްޤުގައި ކުރާ ކަންކަމަށް އޭނާ ސާބަސްދެއްވިއެވެ.

ދިވެހި ސަރުކާރުންދަނީ ބައިނަލް އަޤްވާމީ މަސްރަހުގައި ސޫރިޔާއާއި ފަލަސްތީނުގެ ހައްޤުގައި އަޑު އުފުލަމުންނެވެ. އެގޮތުން އދ. އާއި ބައިނަލްއަޤްވާމީ މަސްރަޙްގައި ރާއްޖެއިންދަނީ ކެނޑިނޭޅި މުސްލިމު ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލަމުންނެވެ. އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެވެސް އުންމީދަކީ އުޚުއްވަތްތެރި މުސްލިމުންނަށް އަމާންކަމާއި ދިރިހުރުމުގެ ރައްކާތެރިކަން ލިބިގެންދިއުމެވެ.