ތަރައްްޤީ

އެއަރޕޯޓުގެ އައު ރަންވޭގެ 2000 މީޓަރުގައި ފުރަތަމަ ތާރު ފަށަލަ އަޅައި ނިމިއްޖެ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ ތާރު އެޅުމުގެ މަސައްކަތުގެތެރެއިން އުތުރު ފަރާތުން 2000 މީޓަރުގެ ސަރަޙައްދެއްގައި ފުރަތަމަ ތާރު ފަށަލަ އަޅައި ނިމިއްޖެއެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ 1 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން 3400 މީޓަރު ދިގު 65 މީޓަރު ފުޅާ ރަންވޭ އެއް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢާއެކު، މުޅި އެއަރޕޯޓު ވަނީ އިންޤިލާބީ ބަދަލަކާދިމާއަށް މިސްރާބު ޖަހާފައެވެ. މި މަޝްރޫޢުގެ ތެރެއިން މިވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްދާ އެއް މަސައްކަތަކީ އާ ރަންވޭގެ މަސައްކަތެވެ. ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ޖެއްސޭނެހެން ފަރުމާކުރާ މި ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 77 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އާ ރަންވޭއަށް ބޭނުންވާ ސަރަހައްދުގެ ފަސްގަނޑު ލެވެލްކޮށް ނިންމައި ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ސަބް-ބޭހަކީ ބޮޑެތި ހައިވޭތަކާއި، ރަންވޭ ފަދަ ތަންތަނުގައި ތާރުއެޅުމުގެ ކުރިން، ވެއްޔާއި، ހިލައާއި ހިލަވެލި ބޭނުންކޮށްގެން އަޅާ ކޮންކްރީޓް ބޯ ފަށަލަތަކެކެވެ. ޢާއްމުގޮތެއްގައި ރަންވޭއެއްގެ ތާރު ފަށަލަ އެޅުމުގެ ކުރިން ސަބް-ބޭހުގެ 3 ފަށަލަ އަޅައެވެ. އެގޮތުން އައު ރަންވޭއަށް ބޭނުންވާ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމައި ތާރު ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރިޗުމަހުގެ 14ވަނަ ދުވަހެވެ.

2 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ ރަންވޭގެ އުތުރު ފަރާތުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 100 އާއި 140 މީޓަރާއި ދެމެދުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާކަން އެމް.އޭ.ސީ.އެލުން ފާހަގަކުރެއެވެ.

އައު ރަންވޭގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދީލް މޫސާ ވިދާޅުވީ، އާ ރަންވޭގެ އުތުރު ފަރާތުން 2000 މީޓަރުގެ ސަރަޙައްދެއްގައި ރަންވޭއަށް ބޭނުންވާ ފުރަތަމަ ތާރު ފަށަލަ އަޅައި ނިމިފައިވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި ރަންވޭގެ އިރުމަތީ ފަރާތުން ބާކީ އޮތް 1400 މީޓަރުގައި ތާރުގެ ފުރަތަމަ ފަށަލަ އަޅާ ނިންމާލެވޭނެކަމަށެވެ. ރަންވޭގައި މުޅި ޖުމްލަ 3 ތާރު ފަށަލަ އެޅުމަށް ހަމަޖެހިފައިވާއިރު، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަށް މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ޢާދިލް ވިދާޅުވިއެވެ.

ރަންވޭއަށް ބޭނުންވާ ފުރަތަމަ ތާރު ފަށަލައިގެ ބޮޑުބައެއް މިހާރު އަޅާ ނިމިފައިވާއިރު، ރަންވޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފިޔުލް ހައިޑްރަންޓްސް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. އަދި އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުންދާ ރަންވޭއާއި އައު ރަންވޭ ގުޅުވާލުމަށް ބޭނުންވާ ޓެކްސީވޭ ތަކުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ އެއަރޕޯޓުގެ ޕާކިންގ ކެޕޭސިޓީ އިތުރުކުރުމަށްޓަކާ ކުރަމުންދާ މަސައްކަތުގެ ދަށުން، އީސްޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ.