ޚަބަރު

"ނެޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ"ގެ ނަމުގައި އާ ކުންފުންޏެއް އުފައްދައިފި


ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމާއި، އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމާއި، އަދި ފައިދާ މަތިކުރުމުގެ މަސައްކަތްކުރުމަށް
އިންވެސްޓްމަންޓްތަކަށް ޚާއްޞަ ކުންފުންޏެއް ސަރުކާރުން އުފައްދައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤަރާރަކުން އުފައްދާފައިވާ މި ކުންފުނީގެ ނަމަކީ "ނެޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ"އެވެ.
މި ކުންފުންޏަކީ، ރާއްޖެއާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބޮޑެތި ބަދަލުތައް ދެނެގަނެ އޭގެ ސަބަބުން މިހާރު ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ކުރާނެ އަސަރުތައް ދެނެގަތުމާއި، ކުރިއަށް ކުރަންހުރި އިންވެސްޓްމަންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މަޤްޞަތުތަކުގެ ތެރޭގައި އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމާއި، އިންވެސްޓްމަންޓްތަކުގެ ފައިދާ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖެއަށް އިސްލާމިކް ފައިނޭންސާއި، ކޮންވެންްޝަނަލް ފައިނޭންސިންގެ އިތުރު ފައިނޭންޝިއަލް ޕްރޮޑަކްޓްތަކެއް ތަޢާރަފްކުރުމަށް ހިތްވަރުދިނުންވެސް ހިމެނެއެވެ.

"ނޭޝަނަލް އިންވެސްތްމަންޓް މެނޭޖްމަންޓް ކޮމްޕެނީ" އަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާވާ ކުންފުންޏެކެވެ.
މި ކުންފުނީގެ ރައުސުލްމާލަކީ، ދިހަ ރުފިޔާގެ ފައްސަތޭކަހާސް ޙިއްޞާގެ މައްޗަށް ބަހާލެވިފައިވާ ފަސްމިލިއަން ރުފިޔާއެވެ.
މި ކުންފުނި ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ކުންފުންޏަށް މެންބަރުން ޢައްޔަންކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ކުންފުނީގެ ބޯޑަށް ޢައްޔަންކުރާ މެންބަރުން އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ލަސްވެގެން މާދަމާ ބޯޑަށް މެންބަރުން ޢައްޔަންކުރައްވާނެކަމަށެވެ.