ޚަބަރު

ޣައްޒާގައި ބޭއްވި އެއްވުމެއްގައި ދިވެހި ދިދަ ވިހުރުވާލައިފި


އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޣައްޒާގެ ރައްޔިތުން ބޭއްވި އެއްވުމެއްގައި ފަލަސްޠީނުގެ ރައްޔިތުން ދިވެހި ދިދަ ވިހުރުވާލައިފިއެވެ.
ދިވެހިރައްޔިތުންގެ ފަރާތުން ފަލަސްތީނަށް ވެދެމުންގެންދާ އެހީއާއި، ދިވެހި ސަރުކާރާއި ރައްޔިތުން ފަލަސްތީނާއެކު އޮތް އޮތުން ފާހަގަކޮށް ޝުކުރު އަދާކުރުމުގެ ގޮތުން މި އެއްވުމުގައި ދިވެހި ދިދަ ވިހުރުވާލާފައިވަނީ ފަލަސްތީނުގެ ޢާންމު ރައްޔިތުންގެތެރެއިން ޒުވާނުންގެ ބައެކެވެ. ވިހުރުވާލީ ދިވެހި ދިދަ ތައްޔާރުކޮށްފައިވަނީވެސް ފަލަސްޠީނުގެ ޒުވާނުން އަމިއްލައަށެވެ. ދިވެހި ދިދައާއެކު ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްކަށް ޝުކުރު އަދާކޮށްފައެވެ.

"ދިވެހިރާއްޖޭގައި ތިބި ފަލަސްޠީނުގެ އެކުވެރިން"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖެއްގައިވަނީ ދިވެހި ދިދަ ފަލަސްތީނުގައި ބޭއްވި އެއްވުމުގައި ވިހުރުވާލި ފޮޓޯތައް ޢާންމުކޮށްފައެވެ. ފަލަސްތީނުގެ ޚަބަރުތައް ހިއްސާކުރާ މި ޕޭޖުން ބުނީ ފަލަސްތީނުގެ ރައްޔިތުން ދިވެހި ދިދަ ވިހުރުވާލާފައިވަނީ، ދިވެހިން ފަލަސްތީނުގެ ޙައްޤުގައި ކުރަމުންދާ މަސައްކަތް ބަލައިގަންނަކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.
ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިންގަމުންގެންދާ ލާއިންސާނީ ޢުދުވާނުތަކުގައި ޙާލުގައިޖެހޭ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރައްޔިތުންދަނީ އެހީވަމުންނެވެ.

އެގޮތުން އދ.އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގައިވެސް ދިވެހިރާއްޖެއިންދަނީ ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތު ކުރަމުންނެވެ. އަދި އިސްރާއީލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގައި ހިންގަމުންދާ ހައްދުފަހަނައަޅާފައިވާ ޖަރީމާތަށް ދިވެހި ޚާރިޖިއްޔާއިން ގެންދަނީ ކުށްވެރި ކުރަމުންނެވެ. އަދި ފަހަކަށްއައިސް ރާއްޖެ ފާހަގަވެފައިވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ފަލަސްޠީނުގެ ހައްޤުގައި ކެރިގެން ވަކާލާތުކުރާ ޤައުމެއްގެ ގޮތުގައެވެ.