އިދިކޮޅު ފަރާތްތަކުން ކުރަނީ ސިޔާސީ މަސައްކަތަށްވުރެ ބޮޑަށް އަމިއްލަވެރިކަން ދިފާޢުކުރުމުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
"މިތިބޫ ރައީސް ޔާމީނާއި އެކީ" މިނަމުގައި މިރޭ ހައްދުންމަތީ ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހައްދުންމަތީގެ މެންބަރުކަންވެސް ކުރިން ކުރެއްވި މޫސާ މަނިކު ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީތައް އިތުރަށް ހިންގަން ޖެހޭކަމަށް ނުފެންނަކަމަށާއި ސަބަބަކީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ސިޔާސީ މަސައްކަތަށްވުރެ ބޮޑަށް ކުރަނީ އަމިއްލަ ވެރިކަން ދިފާޢުކުރުން ކަމަށް ފެންނަތީކަމަށެވެ. މޫސާ މަނިކު ވިދާޅުވީ އެމްޑީޕީއާއި ކުރީގެ ރައީސް ނަޝީދު ޤަބޫލްކުރައްވަނީ މިރާއްޖޭގައި ވެރިކަން ކުރައްވަން ހުންނެވި ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ. އަދި ނަޝީދު ނޫން ބޭފުޅަކަށް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރުމުގެ ފުރުޞަތުވެސް އެމްޑީޕީ ތެރޭގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މޫސާ މަނިކު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސިޔާސީ ޚިޔާލުތަފާތުވުން ގެންގުޅުނު ނަމަވެސް ރައީސް ޢަބްދުﷲ ޔާމީންނަށް ވެރިކަން ދޭންޖެހޭކަމަށެވެ. އެއީމުޅި ރާއްޖެއާއި ހައްދުންމަތީގެ ތަރައްޤީއަށްޓަކައިކަން މޫސާ ފާހަގަކުރެއްވިއެވެ.
"ރައީސް ނަޝީދު ފިޔަވާ އެބޭފުޅުން ޤަބޫލްކުރާނެ ނުވަތަ ރައީސް ނަޝީދު ޤަބޫލްކުރާނެ ވެރިކަމެއްކުރާނެ ބޭފުޅަކު އުޅޭކަމަކަށް ނުފެނޭ" މޫސާ މަނިކު ވިދާޅުވިއެވެ.
މޫސާ މަނިކު ވިދާޅުވީ، ރައީސް ޔާމިން ކޮށްދެއްވާ މަސައްކަތަކީ ރާއްޖޭގައި ޢާއިލާތަކާ ކައިރީގައި މައިންބަފައިން ތިބެގެން ސިއްޙީ ފަރުވާ ލިބޭނެ މަސައްކަތްތަކާއި ދިވެހި ދަރީން ބޭރު ޤައުމުތަކަށް ކިޔަވަންދާންނުޖެހި ރާއްޖޭގައި ތިބެ ޔުނިވާސިޓީތަކާއި މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުޞަތާއި ކީރިތި ޤުރުއާނާއި އިސްލާމްދީން އުނގަންނައި ދެއްވުންކަމަށެވެ. ރައީސް ޔާމީން މިކަންކަން ރައްޔިތުންނަށްޓަކައި ކޮށްދެއްވާތީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަނީކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.
ހައްދުންމަތީ ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.