ޚަބަރު

ސްރީލަންކާގައި ހިނގި އެކްސިޑެންޓްގައި ދިވެހިންތަކެއް ޒަޚަމްވެއްޖެ


އަވަށްޓެރި ސްރީލަންކާގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދިވެހިންތަކަކަށް އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ސްރީލަންކާގެ ނުވަރަލިއާއިން ވެރިރަށް ކޮލޮމްބޯއަށް މި ޓީޗަރުން ދަތުރުކުރަމުންދިޔަ ވޭން ދުއްވާފައިދިޔަ ބަހެއްގައި ޖެހިގެންކަމަށް މަޢުލޫމާތުލިބެއެވެ.
މި އެކްސިޑެންޓުގައި ދިވެހިންތަކެއް ޒަޚަމްވިކަން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ކަށަވަރުކޮށްދީފައެވެ. މި އެކްސިޑެންޓުގައި ޒަޚަމްވީ ދ.އަތޮޅު ސްކޫލްގެ ޕްރިންސިޕަލް ޚާލިދު އަބްދުﷲ އާއި ސީއެޗްއެސްއީގެ ލީޑިން ޓީޗަރު އައިމިނަތު ޒާހިރާއަށް ކަމަށް މަޢުލޫމާތު ލިބެއެވެ. މިމީހުންނަށް ސީރިއަސް އަނިޔާއެއްވެފައި ނުވާކަމަށް ރާއްޖޭގެ އެމްބަސީން ބުނެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި ޚާލިދު އަބްދުﷲ ގެ ފަޔަށް އަނިޔާވެ އަދި އައިމިނަތު ޒާހިރާގެ ބޯފަޅައިގެން ގޮސްފައިވާކަމަށާއި، އިތުރު ފަރުވާއަށްފަހު 24 ގަޑިއިރުގެތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެކަމަށްވެސް ރާއްޖޭގެ އެމްބަސީން މަޢުލޫމާތުދެއެވެ.
އެކްސިޑެންޓުގައި ޒަޚަމްވީ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އާސަންދަ ކުންފުންޏާއި ދިވެހި ޚާރިޖިއްޔާއާއި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި އެކްސިޑެންޓުގައި ދިވެހިންނާއެކު ދަތުރުކުރި ސްރީލަންކާގެ ޓީޗަރުންވެސް ޒަޚަމްވިކަމަށްވެސް މަޢުލޫމާތު ލިބެއެވެ.