ޚަބަރު

ކުރީ ސަރުކާރުތަކުން ހައްދުންމަތި އޮތީ ތަރައްޤީގެ މަޝްރޫޢުތަކުން ބާކީކޮށްފައި- ޢަބްދުއްރަޙީމް


"
ބިމުގެ ގޮތުންވެސް ތަރައްޤީގެ ފުރުޞަތު އެންމެ ބޮޑު އަތޮޅު މި އަތޮޅަކީ. މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މިއަތޮޅު ތަރައްޤީކުރަމުން ދަނީ. ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނަނީ ލިބެމުން. ހައްދުންމަތީ ލިންކް ރޯޑާ، ޓޫރިޒަމާ މިގޮތަށް ގޮސް ގިނަ މަޝްރޫޢުތަކެއް އެބަހުރި. އަދި ބަހުގެ ޚިދުމަތް ދެމުން އައުންވެގެންދިޔައީ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް.
އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ހައްދުންމަތި އޮތީ ތަރައްޤީގެ މަޝްރޫޢުތަކުން ބާކީކޮށް އެކަހެރިކޮށްލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިރޭ ހައްދުންމަތީގައި ބާއްވާ ހަރަކާތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހައްދުންމަތީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ވިދާޅުވީ އެ އަތޮޅަކީ ތަރައްޤީގެ ފުރުޞަތު އެންމެ ބޮޑު އެއް އަތޮޅުކަމަށެވެ. ނަމަވެސް ކުރީގެ އެއްވެސް ސަރުކާރަކުން ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގައި އެ އަތޮޅަށް އެއްވެސް ވަރަކަށް އަހައްމިޔަތުކަން ދީފައިނުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ހައްދުންމަތީގައި ފަތުރުވެރިކަން ކުރިއަރަންޖެހޭ މިންވަރަށް ކުރި އަރައިގެންގޮސްފައި ނުވާކަމަށްވެސް އަބްދުއްރަހީމު ވިދާޅުވިއެވެ.

މި ސަރުކާރުން ހައްދުންމަތީގައި ފަތުރުވެރިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. މިގޮތުން ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، ލޯކަލް ޓޫރިޒަމަށް ޚާއްޞަކޮށް ބަރެސްދޫ ތަރައްޤީ ކުރަމުން އަންކަންވެސް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން ހައްދުންމައްޗަށް ތަރައްޤީއައިސް ބޮޑެތި ބަދަލުތައް އަތޮޅުތެރެއިން ފެންނަން ފަށާފައިވާކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ.

" ބިމުގެ ގޮތުންވެސް ތަރައްޤީގެ ފުރުޞަތު އެންމެ ބޮޑު އަތޮޅު މި އަތޮޅަކީ. މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މިއަތޮޅު ތަރައްޤީކުރަމުން ދަނީ. ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނަނީ ލިބެމުން. ހައްދުންމަތީ ލިންކް ރޯޑާ، ޓޫރިޒަމާ މިގޮތަށް ގޮސް ގިނަ މަޝްރޫޢުތަކެއް އެބަހުރި. އަދި ބަހުގެ ޚިދުމަތް ދެމުން އައުން ވެގެންދިޔައީ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.

ހައްދުންމަތީގައި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެން އަންނަކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އަތޮޅުގެ ރައްޔިތުން ތިބީ މި ސަރުކާރުން ގެންނަ ތަރައްޤީ ބަލައިގަނެ ރައީސް ޔާމީން އާއި އެކު ކުރިޔަށް ދިޔުމަށް ތައްޔާރަށްކަމަށެވެ.