ދީން

ދުނިޔޭގެ ފުރަތަމަ ޔުނިވަރސިޓީ ބިނާކުރީ މުސްލިމް އަންހެނެއް..!


ޑިގްރީ ނެގޭގޮތަށް ޤާއިމްކުރި ދުނިޔޭގެ ފުރަތަމަ ޔުނިވަރސިޓީގެ ބާނީއަކީ އަންހެނެއްކަމަށް ބުނުމުން ހައިރާންވެދާނެއެވެ. އަދި އެއީ މުސްލިމް އަންހެނެކޭ ބުނުމުން އެހައިރާންކަން އިތުރުވާނެއެވެ. އެކަމަކުވެސް މިއީ ތެދެކެވެ. މޮރޮކޯ ނުވަތަ މަޤްރިބްކަރައިގެ ޖާމިޢަތުލް ޤަރްބަޢީންއަކީ ދުނިޔޭގައި ފުރަތަމަ ޤާއިމްކުރެވުނު ޔުނިވަރސިޓީއެވެ. އެހެންކަމުން މިހާރުވެސް ކިޔަވައިދިނުން ކުރިއަށްދާ މިޔުނިވަރސިޓީއަކީ ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ ޔުނިވަރސިޓީއެވެ.

މީގެ 1159 އަހަރުކުރިން މީލާދީން 859 ވަނަ އަހަރު މޮރޮކޯގެ އުތުރުން އޮންނަ ފަޒް ނަމަކަށް ކިޔާ ސަޙަރުގައި ޤާއިމްކުރެވުނު މިޔުނިވަރސިޓީގެ ބާނީއަކީ ފާތިމާ އަލް ފިހްރީ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާއަކީ އޭރު އުޅުނު މުޙައްމަދު ނަމަކަށްކިޔާ ވިޔަފާރިވެރިއެއްގެ ދަރިއެކެވެ.
ފާތިމާ އުފަންވީ ޓިއުނީޝިއާގައެވެ. މީލާދީން 800 ވަނަ އަހަރުއެވެ. މޮރޮކޯއަށް އޭނާގެ ޢާއިލާ ބަދަލުވީ ފަހުންނެވެ. ބައްޕަގެ މުއްސަނދިކަމާއެކު މަޝްހޫރުކަމެއްވެސް އޮތީ ލިބިފައެވެ. ފާތިމާގެ ބޭބެއަކާއި އަންހެން ކޮއްކޮއެއް ހުރެއެވެ. ނަމަވެސް ބައްޕައާއި ބޭބެގެ މަރާއެކު ފާތިމާއާއި އޭނާގެ އަންހެން ކޮއްކޮ މަރިއަމްއަށް އެކަނިވެރިކަން ލިބިގެންދިޔައެވެ. ނަމަވެސް ބައްޕަގެ މުއްސަނދި މިލްކިއްޔާތު ވާރުތަވުމުން ދަތި ހާލުގައި އުޅޭކަށް ނުޖެހުނެވެ.

ބައްޕަގެ މިލްކިއްޔާތުން ލިބުނު މުއްސަނދިކަމުން ފާތިމާއާއި އޭނާގެ އަންހެން ކޮއްކޮ ބޭނުންވީ ދުނިޔޭގެ ލައްޒަތާއި އަރާމު ހޯދާކަށް ނޫނެވެ. އޭގެ ބަދަލުގައި އެމީހުންގެ މުއްސަނދިކަން ހޭދަކުރަން ބޭނުންވީ އެމީހުން އުޅެމުންދިޔަ ހިސާބުގަނޑުގެ މީހުންނަށް ޚިދުމަތްކުރުމަށެވެ.
އެގޮތުން މީލާދީން 859 ވަނަ އަހަރު ޖާމިޢަތުލް ޤަރްބަޢީން ބިނާކުރެވުނެވެ.
ބައެއް ލިޔުންތައް ބުނާގޮތުން މީގެ 1159 ކުރިން ޤާއިމްކުރެވުނު ޤަރްބަޢީން ޔުނިވަރސިޓީއަކީ ފުރަތަމަ މިސްކިތެކެވެ. އެގޮތުން ފުރަތަމަ އެތަނުގައި ކިޔަވައިދިނީ ޤުރުޢާނާއި ކީރިތި ރަސޫލާގެ ސުންނަތެވެ. ނަމަވެސް މިއަދު އެތަނަކީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ ޔުނިވަރސިޓީއެކެވެ. އެތައް ހާސް ދަރިވަރުންތަކެއް ވަނީ އެޔުނިވަރސިޓީން ގެރެޖުއޭޓްވެފައެވެ. މިޔުނިވަރސިޓީން ތަޢުލީމް ހާޞިލުކުރަނީ ހަމައެކަނި މުސްލިމުންނެއްނޫނެވެ. ހުޅަނގުގެ ޤައުމުތަކުގެ ދަރިވަރުން މިޔުނިވަރސިޓީގައި ކެމިސްޓްރީ، ފިޒިކްސް އަދި އެހެނިހެން މާއްދާތައް ކިޔަވައެވެ.

ޤަރްބަޢީން ޔުނިވަރސިޓީއަށް އެތައް ސަތޭކަ އަހަރެއް ވީނަމަވެސް، އެޔުނިވަރސިޓީ ހިންގާ ޢިމާރާތައް މާބޮޑު ބަދަލެއް ނާދެއެވެ. އެހެންކަމުން ޔުނިވަރސިޓީއެއްގެ އިތުރުން މިތަނަކީ މޮރޮކޯއަށް ޒިޔާރަތްކުރާ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ރީތި ބިނާއެކެވެ.
ދުނިޔޭގެ ފުރަތަމަ ޔުނިވަރސިޓީ 859 ވަނަ އަހަރު ޤާއިމްކޮށްދެއްވީ ފާތިމާ އަލް ފިހްރީ އަވަހާރަވީ ޔުނިވަރސިޓީ ޤާއިމްކުރިތާ 21 އަހަރު ފަހުން މީލާދީން 880 ވަނަ އަހަރުއެވެ.