ވިޔަފާރި

"ޓީ.ޓީ.އެމް" ގެ ދެވަނަ އެޑިޝަނުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި


ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ބާއްވާ އެއްމެ ބޮޑު އެއް ފެއަރ، އިންޓަރނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯވް އޮފް މޯލްޑިވްސް، "ޓީ.ޓީ.އެމް" ގެ ދެވަނަ އެޑިޝަނުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޓީ.ޓީ.އެމް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްއިން ވަނީ ފެއަރގެ ޕްރިމިއަމް، ގޯލްޑް އަދި ސިލްވަރ ޕާޓްނަރުންނާއެކު ސޮއިކޮށްފައެވެ. އެގޮތުން ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ) އާއެކުއެވެ. ގޯލްޑް ޕާޓްނަރުންގެ ގޮތުގައި، ހަމަޖައްސާފައިވަނީ، އަލްޝާލީ މެރިން މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އުރީދޫ މޯލްޑިވްސް އަދި ފިއުލް ސަޕްލައިސް މޯލްޑިވްސްއެވެ.
ޓީ.ޓީ.އެމް 2018 ގެ ސިލްވަރ ޕާޓްނަރުންނަކީ، އެމް ސެވަން ޕްރިންޓް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމެޓެޑް، މޯލްޑިވިއަން، ލަނިއަކިއާ ޓެކް، އެސް.ޓީ.އޯ، ލިންކް ސަރވްއެވެ.
މިރަސްމިއްޔާތުގައި ޓީ.ޓީ.އެމް ފެއަރގެ ތައްޔާރީތަކާ ގުޅޭގޮތުން މޯލްޑިވްސް ގެޓަވޭސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ފުރާތު މުޙައްމަދު ބުނީ، މިއަހަރުގެ ފެއަރގައި ފަތުރުވެރިކަމުގެ ދާއިރާގެ އެކި އެކި ފަރާޓްތަކާއި، މި ދާއިރާގެ ތަޖުރިބާކާރުން ހިމެނޭހެން އެއްހާހަށްވުރެ ގިނަ ފަރާޓަކުން ބައިވެރިވާނެކަމަށެވެ. އަދި ފެއަރގައި ހިމެނޭ ތަފާތު ބައިތަކުގެ ތެރެއިން، ދިވެހިރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާޓްތަކާއި ގުޅިގެން މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދާނެކަމަށެވެ.

"
"މިއޮންނަނީ 5 ވަރަކަށް ކޮމްޕޯނަންޓް. އޭގެ އެންމެ ފުރަތަމަ ކޮމްޕޯނަންޓްކަށް މިއޮންނަނީ ހޮޓެލިއަ ސަމިޓް. މީގައި 140 އަށްވުރެ ގިނަ ޖީ.އެމްސް މިފަހަރު ބައިވެރިވާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. މީގައި އަޅުގަނޑުމެންގެ ޓާގެޓަކީ ސަރުކާރުން އެކުލަވާލާފައިވާ ޓާގެޓްގެ ދަށުން 2 މިލިޔަން ފަތުރުވެރިން ރާއްޖެ ގެންނާނީ ކިހިނެއްތޯ. އެގޮތުން ޕެނަލްޑިސްކަޝަންތަކުގެ މަގުން އަޅުގަނދުމެން ކުރިއަށްގެންދާނެ މަޝްވަރާތަކެއް. އޭގައި ބޮޑަށް މި ބައިވެރިވަނީ ޖެނެރަލް މެނޭޖަރުންނާއި، ރިސޯޓް މެނޭޖަރުންނާއި، ހޮޓެލް އޯނާސް. އެކަމުގެ ތައްޔާރީތައް މިހާރުމިދަނީ ވަމުން."
ފުރާތު މުޙައްމަދު

ޓްރެވެލް ޓްރޭޑް މޯލްޑިވްސް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެވޭ ނެޓްވޯކިންގ ސެޝަނެކަށްވާއިރު، 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ޓީޓީއެމް ފެއަރގެ ތެރެއިން ހޮޓެލިއާ ސަމިޓަކާއި، ގެސްޓްހައުސް އެކްސްޕޯއަކާއި، ޑައިވް އެކްސްޕޯއެއްގެ އިތުރުން ސަޕްލައި އެކްސްޕޯއެއް ކުރިއަށްދާނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.
ޓީޓީއެމް ފެއަރ އޮންނާނީ މޭ މަހުގެ 1 އިން 3 އަށް ދަރުބާރުގޭގައެވެ.