މުނިފޫހިފިލުވުން

35 އަހަރަށްފަހު ސަޢުދީގައި ސިނަމާތައް ހުޅުވަނީ


35 އަހަރަށްފަހު ސަޢޫދީ ޢަރަބިއްޔާގައި ފިލްމު ދައްކާ ސިނާމާތައް ހުޅުވަން ނިންމައިފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި މިމަހު 18 ވަނަ ދުވަހު ފުރަތަމަ ސިނަމާ ހުޅުވާއިރު، އެސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ މިދިޔަމަހު ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ބްލެކް ޕެންތަރ"އެވެ.
ސަޢުދީ ޢަރަބިއްޔާއަށް އިޤްތިޞާދީ އަދި ޢިޖްތިމާޢީ ގޮތުން ގެންނަ ބަދަލުތަކުގެ ތެރެއިން ސިނަމާތައް އަލުން ހުޅުވަން ނިންމާފައިވާއިރު، ކުރިއަށް އޮތް 5 އަހަރު ތެރޭގައި 40 ސިނަމާއެއް ހުޅުވުމަށް އެޤައުމުން ވަނީ ނިންމާފައެވެ. އަދި 2030 ވަނަ އަހަރާ ހަމައަށްދާއިރު 350 ސިނަމާ ހުޅުވުމަށް އެޤައުމުން ވަނީ އަމާޒު ހިފާފައެވެ.

1970 ގައި ސަޢުދީގައި ފިލްމު ދައްކާ ސިނަމާތައް ހުރި ނަމަވެސް، ހަރުކަށި ވިސްނުމުގެ މީހުންގެ ފާޑުކިޔުންތަކުގެ ސަބަބުން އެތަންތަން ފަހުން ބަންދުކުރިއެވެ.
ނަމަވެސް ސަޢުދީ އަރަބިއްޔާގެ ވަލީއަޙުދު މުހައްމަދު ބިން ސަލްމާން ފާހަގަވެފައިވަނީ މިފަދަ ގިނަ ކަންތައްތަކެއް އިސްލާޙުކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުމާއި، އަންހެނުން ކުޅިވަރު ސްޓޭޑިއަމްތަކަށް ވަނުން މަނާކޮށްފައި އޮތްއޮތުން ވަނީ ނިމުމަކަށް ގެންނަވާފައެވެ.