ދުނިޔެ

ސްރީލަންކާގެ ބޮޑުވަޒީރުގެ އިތުބާރުނެތް ކަމަށް ފާހެއްނުވި


ސްރީލަންކާގެ ޤާނޫނޫހަދާ މަޖިލީހުގައި އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ނެގި ވޯޓުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންފިއެވެ.
ޤާނޫނޫހަދާ މަޖިލީހުގައި ނެގި ވޯޓުގައި 122 މެމްބަރުން ވޯޓު ދީފައިވަނީ ރަނިލް ވިކްރަމަސިންހައާއި އެއްކޮޅަށެވެ. އިތުބާރު ނެތްކަމަށް ވޯޓު ދިނީ 76 މެމްބަރުންނެވެ. އަދި ވޯޓުގައި 26 މެމްބަރުން ބައިވެރިވެ ވަޑައިގެންފައެއްނުވެއެވެ. ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް މެމްބަރު މަހިންދަ ރާޖަޕަކްސައަށް ތާއީދުކުރާ ގުޅިފައިވާ އިދިކޮޅު އިއްދިޙާދުން މަޖިލީހަށް ވެއްދި މައްސަލައިގެ ބަހުސް ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ކުރިއަށް ދިޔައެވެ.
މިކާމިޔާބީގެ ސަބަބުން ގުޅިފައިވާ ސަރުކާރުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ބާރުގަދަވެގެންދާނެކަމަށް ސްރިލަންކާގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ޤަބޫލުކުރެއެވެ. ނަމަވެސް، މިކަމުގެ ސަބަބުން ސަރުކާރުގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރެވޭނޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ގުޅިފައިވާ ސަރުކާރު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ބޮޑުވަޒީރު ވިކްރަމަސިންހަގެ އިތުރުން ރައީސް މައިތިރިޕަލާ ސިރިސޭނާއެވެ.
ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގީ އެޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމަށް ސިންގަޕޫރު ރައްޔިތެއް އައްޔަނުކުރުމާއި، ކޮރަޕްޝަން ހިމެނޭ ގޮތަށް ސެންޓްރަލް ބޭންކު މެދުވެރިކޮށް ވިއްކި ބޮންޑެއްގެ މައްސަލައިގައި ބޮޑުވަޒީރުގެ ބައިވެރިވެރިވުން ހިމެނޭކަމަށް ބުނެއެވެ.