ޚަބަރު

ހިތަދޫ މެދުދާއިރާގެ ނަރުދަމާ ނިޒާމް ނިންމުމަށް ފެނަކައާއި ހަވާލުކޮށްފި






 


އައްޑޫސިޓީ ހިތަދޫ މެދުދާއިރާގެ ނަރުދަމާ ނިޒާމްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރައްވައިފިއެވެ.


 
ބާރަ މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭ މި މަސައްކަތްތަކުގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށް އިއްޔެ އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމްއެވެ. އަދި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލްއެވެ.


 
މިރަސްމިއްޔާތުގައި މީޑިޔާއަށް މައުލޫމާތުދެއްވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ ހިތަދޫ މެދުދާއިރާގެ ނަރުދަމާގެ ހަތްދިހަ އިންސައްތަ މިހާރުވެސް ނިމިފައިވާކަމަށާ އެހެންކަމުން މިހާރު ސޮއިކުރުވުނު ޕްރޮޖެކްޓްގެ ތެރޭން ސްވަރޭޖް ސިސްޓަމް ގޭގެއަށް ގުޅުމުގެ މަސައްކަތްތަކާ ވެކިއުމް ސްޓޭޝަންތައް ބެހެއްޓުންފަދަ މަސައްކަތްތައް ކުރެވޭނެކަމަށެވެ.


 
އައްޑޫ މެދުދާއިރާގެ އިތުރުން ރަށުގެ އަނެއް ދެކޮޅުގެ ނަރުދަމާގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭތޯ މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ ޠާރިޤް ވިދާޅުވީ ހިތަދޫ މެދުދާއިރާގެ ފެނުގެ ނިޒާމްގެ މަސައްކަތާ އަދި މުޅި އައްޑޫސިޓީގެ ފެނުގެ ނިޒާމްގެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.


 
މިރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަނުގެ ޑިރެކްޓަރ ހުސެން ހަމީޒު ވާހަކަދައްކަވަމުން ވިދާޅުވީ ފެނުގެ ޚިދުމަތްދޭންޖެހޭ ފަނަރަ ސަތޭކަ ގެއެއްގެ ތެރޭން ނުވަސަތޭކަ ގެއަކަށް ފެންމީޓަރު ގުޅާ ނިމިފައިވާކަމަށާ އެފަރާތުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރޯދައަށް ވާއިރަށް މި ހުރިހާ ގެއަކަށްވެސް ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭތޯކަމަށެވެ. މީގެ އިތުރުން ދެހާސް ފަނަރަވަނަ އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް އައްޑޫސިޓީގެ ހުރިހާ ގެއަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދީ ނިންމާލެވޭ ވާރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.