ޚަބަރު

އެސްޓީއޯއިން ކާޑުގެ އަގު ހެޔޮކޮށްފި


އެސްޓީއޯއިން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފިއެވެ.
ކާޑު އަގު ހެޔޮކޮށްފައިވަނީ 2016ވަނަ އަހަރު ކާޑުގެ ސަބްސިޑީ ދޫކުރަމުންއައި އުސޫލަށް ބަދަލުގެނައިއިރު ހުރި އަގުތަކަށެވެ. ކާޑުގެ އަގުތަކަށް ގެނައި ބަދަލަށް ޢަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.
ކާޑުގެ އަގުތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު، ހަކުރު ކިލޯއެއް ކުރިން ގަންނަ ލިބުނީ 6 ރުފިޔާ 80 ލާރިއަށެވެ. އަގުހެޔޮކުރުމާއެކު ހަކުރު ކިލޯއެއް މިހާރު ގަންނަން ލިބޭ އަގަކީ ކިލޯއެއް 4 ރުފިޔާއަށެވެ. ހަނޑޫ ކިލޯއެއް 6 ރުފިޔާ 76 ލާރިއަށް ކުރިން ލިބެންހުރިއިރު، މިހާރު ހަނޑޫ ކިލޯއެއްގެ އަގުވަނީ 3 ރުފިޔާ 98 ލާރިއަށް ކުޑަކޮށްފައެވެ. މިބަލާއެކު ފުށް ކިލޯއެއް ވަނީ 2 ރުފިޔާ 98 ލާރިއަށް އަގު ހެޔޮކޮށްފައެވެ. ކުރިން ފުށް ކިލޯއެއް ވިއްކަމުން އައީ 5 ރުފިޔާ 26 ލާރިއަށެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި ކާޑުގެ އަގުހެޔޮކޮށްފައިވަނީ ޢާއްމުންގެ ޝަކުވާތަކަށް އިޖާބަދިނުމުގެގޮތުންނެވެ. މި ހެޔޮ ބަދަލުގެނެސްފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ނިންމެވުމުގެދަށުން މޯލްޑިވްސް އިކޮނޮމިކް ޑިވެލޮޕްމަންޓާ ގުޅިގެންކަމަށް ކުރި މަސައްކަތުންކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވިއެވެ. މި ބަދަލާއެކު ސަރުކާރުން ދުވާލެއްގެ މައްޗައް ކާޑުގެ ސަބްސިޑީގެ ގޮތުގައި 8 ލައްކަ 50ހާސް ރުފިޔާ ހޭދަ ކުރާނެކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.
ކާޑުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ނާލާއި، މަޖޫރީންގެ ފީއާއި ފައިދާ ހިމަނައިގެން އެންމެ ބޮޑުކޮށް ވިއްކޭނެ އަގުތަށްވެސް އިކޮނޮމިކް މިނިސްޓްރިންވަނީ ހާމަކޮށްފައެވެ.
އެގޮތުން ޒޯން 1 ގައި ހިމެނޭ ހއ، ހދ، ށ، އަތޮޅުގައި ވިއްކާ ކާޑުގެ ބާވަތްތަކަށް އިތުރުކުރެވޭނީ 1 ރުފިޔާ 2 ލާރިއެވެ. ޒޯން 2 ގައި ހިމެނޭ ނ،ރ،ބ،ޅ،ކ،އއ،އދ،ވ،މ،ފ،ދ،ތ އަތޮޅުގައި ވިއްކާ ކާޑުގެ ބާވަތްތަކަށް އިތުރުކުރެވޭނީ އަށްޑިހަ ދެލާރިއެވެ. ޒޯންތިނެއްގައި ހިމެނޭ ލ،ގއ،ގދ،ޏ،ސ އަތޮޅުގައި ވިއްކާ ކާޑުގެ ބާވަތްތަކަށް އިތުކުރެވޭނީ 1ރުފިޔާ 21 ލާރިއެވެ.
ސަރުކާރުން ކާޑުގެ ބާވަތްތަކުން ނަގާ އަގު ބޮޑުކޮށްފައިވަނީ 2016ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެތެރޭގައެވެ. އެގޮތަށް ބަދަކުގެނެސްފައިވަނީ ކާޑުގެ ސަބްސިޑީ ދެއްކުމުގައި ގެންގުޅުނު އުސޫލުގެ ސަބަބުން ސަބްސިޑީ ލިބެން ނުޖެހޭ ފަރާތްތަކަށް ސަބްސިޑީ ލިބެމުންދާތީ، އެކަން ބަދަލުކޮށް، ސަބްސިޑީ އޭގެ އެންމެ ޙައްޤުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށެވެ.