ޚަބަރު

ޑްރަގް ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ޤަވާއިދެއް އެކުލަވާލާ އަމަލުކުރަން ފަށައިފި


ޑްރަގް ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ޤަވާއިދެއް އެކުލަވާލާ އެއަށް އަމަލުކުރަން ފަށައިފިއެވެ.
މި ޤަވާއިދަކީ ޑުރަގުކޯޓުން ބަލާ މައްސަލަތަކާއި ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ މީހުންނާއި ހެކިންނާއި އެނޫންވެސް މީހުން ކޯޓަށް ހާޒިރުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ޤަވައިދުއެވެ.
މި ޤަވައިދުގައި ބުނާގޮތުން ކޯޓަށް ހާޒިރުވާންޖެހޭ މީހާއާއި ކޯޓް އަމުރު އަމުރު ހަވާލުނުކުރެއްވިއްޖެނަމަ އެގޭގައި އޭނާ ދިރިއުޅޭ އުޅޭ ތަޞައްރަފު ފުދިފައިވާ މީހަކާ ޢަމުރު ޙަވާލުކުރެވިދާނެއެވެ. މިގޮތަށް އަމުރު ހަވާލުކުރުމުން އެއީ ކޯޓަށް ހާޒިރުވާންޖެހޭ މީހާ އާއި އަމުރު ރައްދުކުރެވުނީކަމަށް ބެލޭނެކަމަށްވެސް އެ ގަވައިދުގައިވެއެވެ. އަދި ޢަމުރު ލިބެންވާ ފަރާތުން ޢަމުރު ލިބުނުކަމަށް އިންކާރުކޮށްފިނަމަ ކޯޓުގެ ފަރާތުން އަމުރު ހަވާލުކުރަންދިޔަ ފަރާތުން އަމުރު ހަވާލުކުރިކަމަށް ބުނެ ދޭ ހެކިބަހަކީ ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ފުރިހަމަ ހެކިބަހެއްކަމުގައި ބެލޭނެކަމަށްވެސް ޑުރަގްކޯޓުން އަލަށް އަމަލުކުރަން ފެށި ޤަވައިދުގައި ބުނެއެވެ.
ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބޭ ކޮންމެ މީހަކު އެ އަމުރުގައި ކަނޑައަޅާފައިވާ ތާރީޚަށް ކޯޓަށް ހާޒިރުވާންޖެހޭނެކަމަށާއި، މަޤުބޫލު އުޒުރެއްނެތި ހާޒިރު ނުވެއްޖެނަމަ ނުވަތަ އަމުރު ބަލައި ނުގެންފިނަމަ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވީކަމަށް ބަލައި، އޭނާއާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަމަށްވެސް އެ ޤަވާއިދުގައިވެއެވެ. އަދި އެމީހަކީ ދައުވާލިބޭ ފަރާތްކަމުގައި ވާނަމަ، އޭނާ ބަންދުގައި ބައްހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އިޚްތިޔާރުވެސް ކޯޓަށް މި ޤަވާއިދުގެ ދަށުން ވަނީ ލިބިދީފައެވެ.
ކޯޓަށް ޙާޒިރުވުމުގެ އަމުރު ރައްދުވެ، މަޤްބޫލު އުޒުރެއްނެތި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ އެމީހަކު ހަތްދިހަ ފަސް ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށާއި މަޤްބޫލު އުޒުރެއްކަމަށް ބެލޭނެ ހާލަތްތައްވެސް މި ޤަވައިދުގައި ބަޔާންކޮށްފައިވެއެވެ.